މާލެ އަށްފަހު ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ނަރުދޫގެ ސިއްހީ ހާލަތާއި މެދު އިދިކޮޅުން ކަންބޮޑުވެއްޖެ

ޕީޕީއެމް އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---

މާލެ ސިޓީއަށް ފަހު ކޮވިޑް19 އެންމެ ބޮޑަށް ރާއްޖޭގައި ފެތުރިފައިވާ ށ. ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވާތީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ނަރުދޫ އިން މިހާތަނަށް ޖުމްލަ 11 މީހަކު ޕޮޒިޓިވްވެފައިވާއިރު ނަރުދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށު "އަމާޒު" ބޯޓުގެ ކައްޕިއެވެ. އެ ބޯޓް މާލެއިން އެ ރަށަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ މާލެ ލޮކްޑައުންކޮށް މާލެއަށް އަރައި ފުރުން މަނާކުރި ދުވަހެވެ. އަމާޒު ބޯޓުން ދަތުރުކުރި އެއަތޮޅު މިލަންދޫ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ނަރުދޫ ފަދައިން ކޮވިޑް19 ފެތުރިފައިވާ ރަށްރަށާއި، ފެތުރުމުގެ ބިރު އޮތް ރަށްރަށަށް ދެވޭ ސަމާލުކަން އިތުރު ކުރުމާއިއެކު އެފަދަ ރަށްރަށުން ދެވޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ގޮވާލާ ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ އަސަރު ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިފައިވާއިރު، މާލެ ފިޔަވާ އެންމެ ބޮޑަށް ފެތުރި، އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާ އެއް ރަށަކީ ނަރުދޫކަން ފާހަގަކޮށް އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ 600 އެއް މީހުންގެ އާބާދިއެއް އޮންނަ ނަރުދޫގައި މިހާތަނަށް 11 ފަރާތެއް ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައިވާ ކަމަށާއި ނަމަވެސް މާލެ ފިޔަވާ އެންމެ ބޮޑަށް އެ ބަލީގެ އަސަރުކޮށްފައިވާ ނަރުދޫގެ ސިއްހީ ހާލަތު ރަނގަޅު ކުރެވިފައި ނުވުމަކީ އެ ކޯލިޝަން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެރަށުގައި ކޮވިޑް19 އަށް ޓެސްޓު ކުރެވެން ނެތުމާއި، އަދި ޑޮކްޓަރުންނާއި ސިއްހީ ހިދުމަތް ދިނުމަށް އެކަށީގެންވާ ޓީމެއް ރަށުގައި ނެތްކަން އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ. ހަމަ އެއާއެކު، ބަލި މީހުންނާއި ސީދާ ބައްދަލުވެފައިވާ އެތައް ބަޔަކު ތިބި އިރު، އެމީހުން ވަކިން ގެންގުޅެވޭނެ އައިސޮލޭޝަން ނުވަތަ ކަރަންޓީން ފެސިލިޓީއެއް މިހާތަނަށް އައިއިރުވެސް ގާއިމުވެފައި ނެތުމަކީ އެ ކޯލިޝަނުގެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށް ޕްރޮގްރެސިިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، ރަށް އެއްކޮށް ބަނދުވެފައި އޮތުމާއެކު، ރަށުން ބޭސް ނުލިބުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެންމެ އާދައިގެ ތަކެތި ރަށުން ލިބެން ނެތުމާއި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި ސެނިޓައިޒާއާ އަންގި ފަދަ ތަކެތިވެސް ރަށުން ލިބެން ނެތުމަކީވެސް ރަށުގެ ރައްޔިތުން އިތުރު ހާސްކަމެއްގެ ތެރެއަށް ދާންޖެހިފައި އޮތް މައްސަލައެއް ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ގުޅިގެން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ކޯލިޝަނުން ވަނީ ނަރުދޫ ފަދައިން ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭނުންވާ ޒަރޫރީ ތަކެތި ރަށްރަށަށް ފޯރުކޮށްދިނުމާއެކު، ސަރުކާރުގެ ފަރާތުން ދޭންޖެހޭ ހިދުމަތްތައް ފުރިހަމައަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގޮވާލައިފައެވެ. އަދި ނަރުދޫ ފަދައިން ބަލި ފެތުރިފައިވާ ރަށްރަށާއި، ބަލި ފެތުރުމުގެ ނުރައްކާ އޮތް ރަށްރަށަށް ސިއްހީ ހިދުމަތްތެރިންނާއި، ޑޮކްޓަރުން ފޮނުވުމުގެ އިތުރުން އެރަށްރަށުން ފަސޭހައިން ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަސީލަތްތަކާއި ހިދުމަތްތައް އަވަސްކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް ވަނީ ގޮވާލައިފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އެންމެ އިސް ސަފުގައި މަސައްކަތް ކުރާ އެންމެހާ ހިދުމަތްތެރިންނަށް އެ ކޯލިޝަންގެ ފަރާތުން ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާފައެވެ.

އިދިކޮޅުން ނަރުދޫގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރިއިރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުން މިއަދު ވަނީ ނަރުދޫއަށް ވަޑައިގެންފައެވެ. އަދި އެރަށުގެ ކޮވިޑް19 ޓާސްކް ފޯސްއާ ވަނީ ބައްދަލުވެސް ކޮށްފައެވެ. ނަމަވެސް އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ އެއްވެސް ތަފްސީލެއް އަދި ނޭނގެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.