ހަތަރު ދިވެހިންނާއި ލަންކާ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ރާއްޖެއިން އަނެއްކާވެސް ކޮވިޑް19 އަށް ފަސް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ ހަތަރު ދިވެއްސަކާއި ލަންކާ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއި އެކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 28 އަށް މިވަނީ އަރާފައެވެ.

އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 519 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ފެނުނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ. ކޮވިޑް19 އަށް ރާއްޖެއިން މީހަކު ޕޮޒިޓިވްވި ކަމަށް ސަރުކާރުން އިއުލާން ކުރީ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑް19 އަށް ކޮންމެވެސް ވަރަކަށް މީހުން ޕޮޒިޓިވްވި ނަމަވެސް ކުއްލި އަކަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައެވެ.

މާލެއިން މި ބައްޔަށް މީހަކު ޕޮޒިޓިވްވުމާއި އެކު އެ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އަންނަ މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.