މިއީ އުނދަގޫ ދަތުރެއް، އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލްވުމުގެ އުއްމީދު އެބައޮތް: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މިއަދު ރާއްޖެއިން ކުރަން ޖެހިފައިވާ ދަތުރަކީ އުނދަގޫ ދަތުރެއް ކަމަށާއި އެހެންނަމަވެސް އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި ޗައިނާއިން ރާއްޖެއިން ވެދެމުން ގެންދާ އެހީތަކާއި ގުޅިގެން އެކަމަށް ޝުކުރު އަދާ ކުރައްވާ މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިއަދު މުޅި ދުނިޔެއަށް ވެސް ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައި މިވަނީ ދުވަހަކުވެސް ހީނުކުރާ ވަރުގެ ދަތި އަދި އުނދަގޫ މުސީބާތެއް ކަމަށެވެ.

ހާއްސަކޮށް ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް ކޮވިޑް19 ގެ ބަލަމަޑުކަމުން ލިބިފައިވާ އިގްތިސޯދީ ގެއްލުން ނުހަނު ބޮޑު ކަމަށް މިނިސްޓަރު ޝާހިދުގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"މެދު-އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްގީ ވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ގައުމަކަށް ބަދަލުވެފައި،" ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އެހެންނަމަވެސް ބައިނަލްއަގުވަމީ މުޖުތަމައުގައި ތިބި ރާއްޖޭގެގެ އެކުވެރިންނާއި އެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުރި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވިއިރު ބައިނަލްއަގުވާމީ މުޖުތަމައުއިން އަންނަނީ ރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރު ކޮށްދެމުންނެވެ. އެކަމުގައި އެންމެ އަވަދިނެތި އުޅެމުން އަންނަނީ މިނިސްޓަރު ޝާހިދެވެ. އެމަނިކުފާނު އަންނަނީ ގައުމުތަކުގެ އިސްވެރިންނާއި ގުޅުއްވާ މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތް އެ ގައުމުތަކުގެ ވެރިންނަށް އަންގައި ދެއްވަމުންނެވެ. މީގެއިތުރުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށްވެސް ފޮރިން މިނިސްޓްރީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިއަދު ރާއްޖެއަށް ކުރިމަތިވެފައި މިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގައި ރާއްޖެއަށް ގިނަ ގައުމުތަކުގެ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *