ކޮވިޑް19 އާއި ގުޅިގެން ޗައިނާއިން ފޯރުކޮށްދޭ އެހީތަކަށް ޝާހިދުގެ ހިފެހެއްޓުމެއް ނެތް ޝުކުރު!

ޗައިނާގެ ސަފީރު އަދި ފޮރިން މިނިސްޓަރު ޝާހިދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހާތާވީސް އޮންލައިން

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޗައިނާ ސަރުކާރާއި ޗައިނާގެ ކުންފުނިތަކުން ވެދެމުން ގެންދާ އެހީތެރިކަމަށް އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ މީގެ އެއްމަސް ދުވަސް ކުރިން ޗައިނާއިން ވަނީ ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްހީ ސާމާނު, ހިލޭ އެހީގެ ގޮތުގައި އެ މުހިންމު ދަނޑިވަޅުގައި ހަދިޔާކޮށް ދީފައި ކަމަށެވެ. މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާއު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެގައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވާ ކަމަށާއި އެ އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން ޗައިނާގެ ރައީސް ޒީ އަށާއި, ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި ޝުކުރު އަރިސްކުރަމެވެ. އަދި މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެއްވި ޗައިނާގެ ޖަމިއްޔާ ޖަމާއަތްތަކަށާއި, ކުންފުނިތަކަށް, އެ ފަރާތްތަކުން ވެދިން މަދަދާއި ބެހެއްޓެވި ހެޔޮ ގާތްކަމަށްޓަކައި ހާއްސަ ޝުކުރެއް އަރިސްކުރަމެވެ. ޗައިނާ އެމްބަސަޑަރު ޒާންކް ލީ ޒޮންގް, ދިވެހި ރައްޔިތުންނާއި މެދު ޗައިނާއިން ބާއްވާ މިދެންނެވި އެކުވެރިކަމާއި އެއްބާރުލުން ފުރިހަމައަށް ތަމްސީލު ކޮށްދެއްވައެވެ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން, އެގައުމުގައި ތިބި އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ޗައިނީސް އެހީދޭ ޖަމިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތައް ހިމެނެއެވެ. އެގޮތުން އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަނާއި ޗައިނާ މާޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑާއި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަނާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑާއި ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިން ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް ހިމެނެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަޔާނުގައި ވިދާޅުވީ ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރާ ކަމަށެވެ. އެގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން މިއަދުގެ ފްލައިޓް ޗާޓާ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން އެފަރާތުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަ އެއާއިއެކު ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގައި މިވަގުތު ތިއްބެވި ޗައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ހިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއި, އަދަބުވެރިކަމާއި އެކުގައެވެ،" މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރި ރަހުމަތްތެރިއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިހުލާސްތެރިކަމުގެ ޝުއޫރު ފާޅުކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.