ކޮވިޑް19 އާދައިގެ ރޯގާއަކާއި އެއްވަރު ކުރެވުމުން މެންބަރު ރާއީ މައާފަށް އެދިއްޖެ

މަކުނުދޫ ދާއިރާގެ މެންބަރު ރާއީ -- ފޮޓޯ / މަޖިލިސް

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް19 ވައިރަހަކީ އާދައިގެ ރޯގާއެއްގެ ގޮތަށް ސިފަ ކުރެއްވުމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މައާފަށް އެދިވަޑައިގެންފިއެވެ

ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި ރާއީ ވަނީ ކޮވިޑް19 ވައިރަހަކީ އެހާ ނުރައްކާތެރި ވައިރަހެއް ނޫން ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ އެއީ އާއްމުކޮށް ޖެހޭ އާދައިގެ ރޯގާއަކާއި އެއްގޮތް އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އަމިއްލަ އަށް ޖަލެއް ހަދައިގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއީ ވިދާޅުވިއެވެ.

އެދުވަހު ރާއީ ވަނީ ކޮވިޑް19 އަކީ މާ ބިރުވެރި ބައްޔެއްގެ ގޮތުގައި ސިފަ ކުރަމުން ގެންދަނީ ރާއްޖޭގެ މީޑިއާތަކުން ކަމަށް ވިދާޅުވެފައެވެ. އަދި މީޑިއާތަކުން ފަތުރާ ހަބަރުތަކުގެ ސަބަބުން ރައްޔިތުން ބިރު ގަންނަނީ ކަމަށް އެ ދުވަހު ރާއީ ވިދާޅުވިއެވެ. ރާއީ އެފަދައިން ވިދާޅުވިއިރު ރާއްޖޭގައި ކޮވިޑް19 ބަލި އެހާ ބޮޑަކަށް ނުފެތުރެއެވެ.

ނަމަވެސް މި މަހުގެ 15ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ހަލުވިކަމާއި އެކުގައި ކޮވިޑް19 ފެތުރެމުންނެވެ. އެއާއި އެކު މި ބައްޔަށް ދުވަހެއް ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ގިނަވަމުންނެވެ. ސޯޝަލް މީޑިއާގައި އެ ދުވަހުގެ މަޖިލިސް ޖަލްސާގައި ކޮވިޑް19 ލުއިކޮށް ނެގި މެންބަރުންނަށް އަންނަނީ ފާޑު ކިޔަމުންނެވެ.

އެކަމާއި ގުޅިގެން ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ހާލު މެންބަރު ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެދުވަހު ކޮވިޑް19 އާއި ގުޅިގެން ދެކެވުނު ވާހަކައެއް ދެކެވިފައި ހުރީ އޭރު ލިބިގެން ދިޔަ މައުލޫމާތާއި ގުޅިގެން ކަމަށެވެ. އޭރު އެ ބައްޔަށް ނަމެއްވެސް ދެވިފައި ނުވާ ކަމަށާއި އެ ދުވަހު ދެކެވުނު ވާހަކަތަކަށް އެންމެހާ ރައްޔިތުންގެ ކިބައިން މައާފަަށް އެދިލައްވާ ކަމަށެވެ.

ރާއީގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން ރައްޔިތުން މަޖިލިސް މެންބަރުންވެސް ވަނީ އެ މޭރުމުން ވާހަކަދައްކަވާފައެވެ. ނަމަވެސް ރާއީ ފިޔަވާ މިފަދައިން އަދި އެއްވެސް މެންބަރަކު މައާފަށް އެދިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ބައެއް މީހުން އަންނަނީ ރާއީ މައާފަށް އެދުމުން އެކަން ބަލައިގަނެ އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އެދިފައެވެ. ނަމަވެސް ބައެއް މީހުން އަންނަނީ ރާއީ ދެއްކެވި ވާހަކައަށް އަދިވެސް ނުރުހުން ފާޅު ކުރަމުންނެވެ.

އިއްޔެ އާއި ނިޔަލަށް މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 491 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 261 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އިންޑިއާގެ 51 ރައްޔިތަކަށް ރާއްޖެއިން ކޮވިޑް19 ޖެހިފައިވާއިރު ޕާކިސްތާނު ތިން މީހުންނާއި ލަންކާ އަދި ނޭޕާލުގެ ދެ މީހަކަށް ކޮވިޑް19 ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން 157 ދިވެއްސަކަށް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.