ކޮވިޑް19: އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެއްގެ އެއް ޓެސްޓު ނެގެޓިވްވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން ދިޔަ އެކެއް ބަލިން ވަރަށް ބޮޑަށް ރަނގަޅުވެ ފުރަތަމަ ޓެސްޓު ނެގެޓިވްވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އެމީހާ މިހާރު އައިސީޔޫ އިން އެހެން ވޯޑަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ފުރަތަމަ ޓެސްޓުގެ ނެގެޓިވް ވެފައިވާ ކަމަށާއި ދެވަނަ ޓެސްޓުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

މިމީހާގެ ހާލަތު މިވަގުތު ރަނގަޅުވި ނަމަވެސް އަދިވެސް ބަލަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އެހެންކަމުން ދެވަނަ ޓެސްޓުގެ ނަތީޖާ ލެބެން ދެން އެމީހާ އަށް ފަރުވާ ދެމުން އަންނާނެ ކަމަށް ޑރ. ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ އެމީހާގެ ހަމައެކަނި ފާހަގަކުރެވެނީ ލިވާގެ މައްސަލައެއް އެކަނި ކަމަށެވެ.

މުޅި ޖުމްލަ 6 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު އޭގެތެރެއިން ދެ މީހެއް ފިޔަވާ އެހެން މީހުންގެ އާއްމު ހާލަތު ރަނގަޅު ކަމަށް ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އެމީހާގެ އިތުރުން އައިޖީއެމްއެޗުގައި އިތުރަށް ފަރުވާ ދެމުން ދަނީ 88 އަހަރާއި 49 އަހަރާއި 58 އަހަރާއި 80 އަހަރާއި 70 އަހަރުގެ މީހަކަށެވެ. ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ 88 އަހަރާއި 80 އަހަރުގެ މީހާ ނޫން އެހެން ހުރިހާ މީހުންގެ ހާލަތުވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ހާލަތު ގޯސް ކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.