ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން ކަރަންޓީން ވުމަށް އަންގައިފި

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ކޮވިޑް19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އިން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު އަންގަވައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން ދާތީ، އަދި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާލޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެދުގައި ކަމަށް ވެފައި، ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަލުވިކަމާއެކު ބަލި ފެތުރެމުގެ ފުރުސަތު ބޮޑުކަަމަށް ފެންނާތީ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ވަޒީފާ އަދާކުރާ ވަކި ތަނެއް ނެތް އަދި ދިރިއުޅޭނެ ވަކި ތަނެއް ކަނޑައެޅިފައިނުވާ ބިދޭސީ މަސައްކަތްތެރިން އެކަހެރިކޮށް މޮނިޓަރު ނުކުރާ ނަމަ އެމީހުންގެ މެެދުގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަަށް ބޮޑު ކަމަށް ފެންނާނީ އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

އަދި މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ފުލުހުން މިހާރުވެސް މޮނިޓަރު ކުރަމުންދާ ތަންތަނުގައި އުޅޭ ބިދޭސީންނަކީ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުންހުރި ބަޔަކަށްވާތީ އެ މީހުުންވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

މީގެއިތުރުން ކޮވިޑަށް ޕޮޒިޓިވްވި ފަރަތާކައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިމާވެފައިވާ ހުރިހާ ބިދޭސީންނާއި ބިދޭސީންތެ ތެރެއިން ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ބަލީގެ ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ހުރިހާ ބިދޭސީންވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަން ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 491 މީހަކަށް ކޮވިޑް19 ޖެހިފައިވާއިރު އޭގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 261 މީހަކަށް ވަނީ ކޮވިޑް19 ޖެހިފައެވެ. އިންޑިއާގެ 51 ރައްޔިތަކަށް ރާއްޖެއިން ކޮވިޑް19 ޖެހިފައިވާއިރު ޕާކިސްތާނު ތިން މީހުންނާއި ލަންކާ އަދި ނޭޕާލުގެ ދެ މީހަކަށް ކޮވިޑް19 ޖެހިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. އެގޮތުން 157 ދިވެއްސަކަށް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *