ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ޖަޕާނުން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު: ފޮޓޯ / ފޮރިން މިނިސްޓްރީ

ކޮވިޑް19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަޕާން ސަރުކާރުން ޔުނިސެފްއާ ރެޑް ކްރެސެންޓް މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް ޔުނިސެފް މެދުވެރިކޮށް 5،634،468 މިލިއަން ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 މިލިއަން ދިވެހި ރުފިޔާ، ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ ކަމަށެވެ.

އެ އެހީ ބޭނުން ކުރެވޭނީ މެޑިކަލް އިކުއިޕްމަންޓާއި ބޭހުގެ ބާވަތްތައް ގަތުމުގެ އިތުރުން ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިފަދަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޖަޕާން ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި ދީލަތި އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށާއި އަދި މިއީ ކޮވިޑް19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ޖަޕާނަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އެއް ގައުމެވެ. އެގައުމުން ވަނީ ރާއްޖޭގެ ތައުލީމާއި، އުމްރާނީ ތަރައްގީގެ އިތުރުން މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ޖަޕާނަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރާއްޖެއަށް އެންމެ ފުރަތަމަ މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމުވެސްމެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.