ކޮވިޑް ފަރުވާ ދިނުމަށް ޓްރީޓޮޕް ތިން މަސް ދުވަހަށް ސަރުކާރަށް ދެނީ

ޓްރީޓޮޕް ހޮސްޕިޓަލް --

ރާއްޖެއިން ކޮވިޑް19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އަޅާފައިވާ ހޮސްޕިޓަލު، ޓްރީޓޮޕް ހޮސްޕިޓަލު ސަރުކާރަށް ދިނުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ހޮސްޕިޓަލު ސަރުކާރަށް ދިނުމަށް ނިންމާފައިވަނީ ތިން މަސް ދުވަހަށް ކަމަށެވެ. އަދި އެ ހޮސްޕިޓަލު ސަރުކާރަށް ދިނުމަށް ހޮސްޕިޓަލުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ހޮސްޕިޓަލު ކޮވިޑް19 ގެ ފަރުވާ ދޭ ސެންޓަރަކަށް ބަދަލު ކުރުމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިވެސް ކޮށްފައެވެ. އަދި މިވަގުތު ޓްރީޓޮޕްގައި ފަރުވާ ދެމުން އަންނަ ބަލި މީހުން ސަރުކާރު މައި ހޮސްޕިޓަލު އައިޖީއެމްއެޗަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ މީހުން ނުވަތަ އިތުރު ފަރުވާ ދޭން ޖެހޭ މީހުންނަށް ފަރުވާ ދެމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މިހާރުވެސް އެ ހޮސްޕިޓަލުގައި ފަސް މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު އެކަނިވެސް 13 މީހަކަށް ރާއްޖެއިން ކޮވިޑް19 ޖެހުނުއިރު މިހާތަނަށް 481 މީހަކަށް މުޅި ރާއްޖެއިން ވަނީ ކޮވިޑް19 ޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.