އުއްމީދަކީ ތިންވަނަ ކުއާޓަރުގައި ޓޫރިސްޓުންނަށް ހުޅުވާލިން: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސީއެންއެން އަށް އިންޓަވިއު ދެނީ --

ކޮވިޑް19 ގެ ނުރައްކާތެރިކަމުން އަރައިގަނެ ތިންވަނަ ކުއާޓަރުގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންގެ “ކުއެސްޓް މީންސް ބިޒްނަސް”އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަން ހިންގުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ. ފަތުރުވެރިކަން ރާއްޖޭގައި އަލަށް ފެށިގެން ދާނެ ގޮތްތަކާއި ގުޅޭ ގޮތުން ފަތުރުވެރިކަމާބެހޭ ޖަމިއްޔާތަކާއި އެހެނިހެން އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

“މި ހާލަތުން އަރައިގަތުމުގެ މަސައްކަތްތައް މިދަނީ ކުރަމުން. އުއްމީދަކީ ތިން ވަނަ ކުއާޓަރުގައި އެކަން ކުރެވޭނެ ކަމަށް. އެއީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރަށް. މި ވަގުތު މަސައްކަތް މި ކުރަނީ ރާއްޖެ އަކީ އެންމެ ރައްކާތެރި ޓޫރިސްޓުންގެ މަންޒިލުގެ ގޮތުގައި ބޭއްވުމަށް،” މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަން ފަށާއިރު އަލުން ފަތުރުވެރިކަން ފަށާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުވެސް ރާއްޖޭގައި 10 ރިސޯޓެއްގައި ފަތުރުވެރިން އެބަ ތިއްބެވެ. އެއީ 50 ގައުމެއްގެ ރައްޔިތުންނެވެ. ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ފަތުރުވެރިންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.