މަސައްކަތްތެރިންގެ ހައްގުތައް ދިފާއު ކުރުމުގައި ދެމި ހުންނާނަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 ގެ މި ދަނޑިވަޅަކީ މަސައްކަތްތެރިންގެ ހައްގުތައް ގެއްލިފައިވާ ދަނޑިވަޅެއް ކަމަށްވީ ނަމަވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއު ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭ ޑޭ" އާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވަނީ މި ދަނޑިވަޅުގައި ހުރިހާ ގައުމެއްގެ އިގްތިސޯދަށް ވެސް ބޮޑެތި ލޮޅުންތަކެއް އަރަމުންދާކަން ފާހަގަކުރައްވާފައެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް އަޅާ ބަލާއިރު ރާއްޖެއަކީ ދުނިޔޭގެ ފޯރުންތެރިކަން ހުރި ގިނަ ގައުމުތަކަށް ބަރޯސާވުން ބޮޑު ގައުމެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ ރާއްޖޭގެ އިގްތިސޯދަށް ކުރާ އަސަރު އެހެން ގައުމުތަކަށްވުރެ ބޮޑުވާނެކަން ފާހަގަކުރައްވާފައެވެ.

މި ދަނޑިވަޅަކީ މަސައްކަތްތެރިންގެ ހައްގުތަކަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްކަން ރައީށް ވިދާޅުވިއެވެ. އަދި މި ނާޒުކު ދަނޑިވަޅުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މިއަދު މުޅި ދުނިޔެއިން ވެސް އެތައް ގައުމެއްގައި މީހުންގެ ވަޒީފާތައް މި ދުވަސްވަރު ވަނީ ގެއްލިގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގެވެސް އެތައް މުވައްޒަފުންތަކެއްގެ ވަޒީފާތައް ވަނީ ގެއްލިގެން ގޮސްފައެވެ.

ވަޒީފާގެ ހާލަތަށް ބަދަލު އައި މީހުންގެ ސަރުކާރުގެ އޮންލައިން ވަޒީފާ ޕޯޓަލް، ޖޮބްސެންޓަރުގައި ރަޖިސްޓްރީން ވާން އަންގާފައިވާއިރު މިހާތަނަށް އެ ޕޯޓަލްގައި 1300 އެއްހާ މީހުން ރަޖިސްޓްރީ ވެފައިވާއިރު، އޭގެ ތެރޭގައި ވަޒީފާއިން ވަކިކުރި މީހުންނާއި، ނޯޕޭ ލީވަށް ފޮނުވާލި މީހުންނާއި މުސާރަ ކުޑަކުރި މީހުން ވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *