ކޮވިޑް19 އަށް ރާއްޖެއިން އިތުރު 72 މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19އިން މާލޭގައި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މީހުން މޫނު ނިވާކޮށްގެން-- ފޮޓޯ/ ސަން

ރާއްޖެއިން ކޮވިޑް19 އަށް އިތުރު 72 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް19 ގެ ޑޭޝްބޯޑުގައި އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަލަށް ޕޮޒިޓިވްވި 72 މީހުންނަކީ ހުސް ބަންގްލަދޭޝް ރައްޔިތުންނެވެ.

މި 72 މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 468 އަށް މިހާރު ވަނީ އަރާފައެވެ. އަލަށް ޕޮޒިޓިވްވި އެންމެން ވެސް ނިސްބަތް ވަނީ އެއް ކްލަސްޓާއަކަށެވެ. އެއީ "ސީސީސީ" ކްލަސްޓާއަށެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ، 22 އަހަރާއި 54 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ އުމުރު ހިމަނާފައި ނުވެއެވެ. އަދި މި އެންމެންވެސް ޕޮޒިޓިވްވެފައި މިވަނީ މާލެއިންނެވެ.

އިއްޔެ އެކަނިވެސް މާލެއިން ވަނީ ކޮވިޑް19 އަށް 116 މީހަކު ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ބިދޭސީންނެވެ. ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 323 އަށް ވަނީ އަރާފައެވެ. ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 252 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު ވަނީ 145 އަށް އަރާފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.