ކޮވިޑް19 ޖެހިގެން މީހަކު ނިޔާވި މައްސަލައިގެ އިހުމާލެއް އޮތްތޯ ބަލަން ފަށައިފި

ކަރަންޓީން ފެސިލިޓީތަކަށް ރާއްޖެއިން ބޭރުން އައި ދިވެހިންތައް ގެންދިއުމުގެ ތެރެއިން: ފޮޓޯ / ޕޮލިސް

ކޮވިޑް19 ޖެހިގެން ރޭ މީހަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އިމަޖެންސީ އޮޕަޜޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހެލްތު މިނިސްޓްރީން މިހާރު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ލިޔެ ކިޔުންތައް އެއް ކުރަމުން އަންނަ ކަމަށެވެ.

ރޭ ނިޔާވި މީހާއާ ގުޅޭ އިތުރު މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ރޭގެ ނިޔާވި މީހާއަކީ ކޭސް 280 ކަމަށެވެ. އެއީ އެމްއެޗްއޭގެ ކްލަސްޓާގެ ކޭހެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އެ ކްލަސްޓާ ފެށެނީ ކޭސް 72 އިން ކަމަށެވެ. އަދި ކޭސް ނަންބަރު 72 ގެ ޕްރައިމަރީ ކޮންޓެކްޓެއް ކަމަށްވާ ކޭސް 126 އާއި ރޭ ނިޔާވި މީހާ ކޮންޓެކްޓް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ކޭސް 72 ޕޮޒިޓިވް ވުމާ ގުޅިގެން މި މަހުގެ 21 ގައި ކޭސް 280 އުޅޭ ގެ ވަނީ ކަރަންޓީނު ކޮށްފައި. ސަބަބަކީ އެމްއެޗްއޭގެ ދެ ޑްރައިވަރަކު އޭނާ ދިރިއުޅޭ ގޭގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭތީ. ކޭސް 126 ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 23ގައި. ކޭސް 280 އާއި 126 ކޮންޓެކްޓްވެފައި ވަނީ މި މަހުގެ 14 ގައި،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ރޭ ނިޔާވި މީހާގެ ސާމްޕަލް 27 ވަނަ ދުވަހު ނަގަން ފޮނުވައިވާ ކަމަށެވެ. އަދި 28 ވަނަ ދުވަހުގެ ދަންވަރު 3:45 ގައި ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އޭނާގެ ނަތީޖާ އެޗްޕީއޭ އަށް ލިބިފައިވަނީ ރޭ ދަންވަރު 12 ޖަހާކަން ހާއިރު ކަމަށާއި އޭރު އެމީހާ ނިޔާވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރޭ ނިޔާވި މީހާއަކީ 83 އަހަރުގެ އަންހެނެކެވެ. އެމީހާގެ ފިރިމީހާ ވެސް ކޮވިޑް19 ޕޮޒިޓިވް ވެފައިވާއިރު އެމީހާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ނަމަވެސް އެމީހާގެ ހާލަތު ރަނގަޅު ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 396 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު އެކަނިވެސް 119 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 95 މީހަކީ އެއް ތަނެއްގައި އުޅޭ ބައެއް ކަމަށް ސަރުކާރުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *