ދައުލަތުގެ މީޑިއާއިން ގެނައި ޕްރޮގްރާމަކުން އިދިކޮޅު މެންބަރުންނަށް ހިމޭނަކުން ނުތިބެވުނު!

(ކ-ވ) ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް --

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލް އެއް ކަމަށްވާ ޓީވީއެމް އިން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި އެކުދިންގެ އުމުރާއި އެކަށީގެން ނުވާ ބައިތަކެއް ހިމެނުމުން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިއަދު ހަވީރު ޓީވީއެމް އިން ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ވަނީ ރައިވަރެއް ގެނެސްދީފައެވެ. އަދި އެ ބައިތާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ބައެއް މީހުން ވަނީ އެ ބައިތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދި 18ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ގުޅޭ ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ދައުލަތުގެ މީޑިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ ކުޑަކުދިންނާއި ގުޅައިގެން ކުއިޒެއް ގޮތަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ކުރިން މި ދެންނެވި ރައިވަރު ވެސް ވަނީ ކުއްޖަކާއި ގުޅައިގެން އެކުއްޖާ ލައްވާ ކިޔުއްވާފައެވެ.

މިކަމާއި އެންމެ ބޮޑަށް ހިތްހަމަ ނުޖެހި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ބަޔަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެންބަރުން ހިމެނެއެވެ. އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް19 ގެ ބިރުވެރިކަން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ހަވީރުގެ ވަގުތު ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަ ކުއްޖަކު ލައްވާ ދައުލަތުގެ މީޑިއާއިން ކުރަން އެންމެ ރަނގަޅު ކަމަކީ އެއީތޯ ސުވާލު ކުރައްވާފައެވެ.

ތ. ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ފުޅިއެއްގެ ތެރެއަށް ފެނާއި ތެލާއި އަޅާފައި ކިތަންމެ ވަރަކަށް ތެޅުވިއަސް އެ ތެޅުވުން ހުއްޓާލުމާއި އެކު ފެނާއި ތެޔޮ ވަކިވާނެ ކަމަށް ވިދާޅުވެފައެވެ. ގައުމު އެއްބައިވަންތަ ކުރުވަންވީ ވަގުތު ފެންނަނީ ކޯލިޝަން މުގުރާލުމުގެ އަލާމާތްތޯ ގައްސާންގެ ޓްވީޓުގައި ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވިއެވެ. "ދެން ފެންނާނީ ތެލަށްވުރެ ލޭ އޮލަކަން،" މިހެނެވެ.

ޓީވީއެމް އިން ގެނެސްދިން އެ ޕްރޮގްރާމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީވީއެމް އިން ކުޑަކުދިންނަށް ގެނައި ޕްރޮގްރާމެއްގައި ޒިންމާދާރުކަން ކުޑަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަބަދުވެސް އެމްޑީޕީގެ ސިޔާސަތަކީ އަމިއްލަ އެދުމަށްޓަކައި ޖީލުތައް ހަލާކު ކޮށްލުން ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް އިން ގެނައި ރައިވަރު ގެނެސްފައިވަނީ ގަސްތުގައި ކަމަށް ހުސައިން ތުހުމަތު ކުރެއްވިއެވެ.

ދައުލަތުގެ މީޑިއާއިން ގެނައި ޕްރޮގްރާމެއްގެ ސަބަބުން އިދިކޮޅު މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ މީޑިއާ އޭރުގެ ސަރުކާރުން ގެންގުޅެމުން ދިޔައީ "ހިސޯރު" ކޮށްގެން ކަމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ފަރާތްތަކުން ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *