މާލެ ސަރަހައްދު ލޮކްޑައުންގައި ވަނިކޮށް ރިޔާޒަށް މާލެ އެރުނު މައްސަލަ މަޖިލީހަށް

ރިޔާޒު މާލެއައުމަށް ލޯންޗުގައި --

މާލެއިން ކޮވިޑް19 ފެނިފައިވާތީ މާލެ ސަރަހައްދު ލޮކްޑައުންގައި ވަނިކޮށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ އަށް އެރުނު މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އެ މައްސަލާގައި އޭނާ ވިދާޅުވެފައިވަނީ މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް އަބްދުﷲ ރިޔާޒު އޭނާގެ ދާއިރާގެ ރަށް ތ. ތިމަރަފުށީގައި ހުންނެވުމަށް ފަހު މާލެ ވަޑައިގެންނެވި މައްސަލަ މަޖިލީހުގެ ކޮމިޓީއަކުން ބަލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޔާޒު ވަނީ މާލެއަށް އައުމުގެ ދަތުރުމަތީގައި އިންނަވާ ފޮޓޯއެއް ނަންގަވާފައެވެ. އެ ފޮޓޯއާއި އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ ހިތްގައިމު ފަތިހު ވަގުތުގައި ރަށުން [ތ. ތިމަރަފުށި] ފުރައިގެން އިރުމެދު ނުޖެހެނިސް މާލެ އާދެވިއްޖެ ކަމަށެވެ. ތިމަރަފުށީގަ ހޭދަކުރި 15 ދުވަހު އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެންބަރު ސިރާޖު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރިޔާޒު ކުރެއްވި ޓްވީޓުގެ ސަބަބުން މަޖިލިސް މެންބަރުންނާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދިފައިވާ ކަމަށެވެ. އަދި މެންބަރުންނަކީ ބާރާއި ނުފޫޒުން ކަންކަން ކުރައްވާ ބައެއްގެ ގޮތުގައި ރައްޔިތުން ލޭބަލް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި މިހާރުވެސް އެމްޑީޕީ އަށް ނިސްބަތްވާ ދެ މެންބަރަކަށް މާލެ ނާދެވި ތާށިވެފައި ތިބިކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ އެ މެންބަރުންނަށް މާލެ އަންނަން ކުރާ މަސައްކަތް ކާމިޔާބުވާ ގޮތް ނުވެފައިވާ ކަމަށެވެ. އެހެންކަމުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް މާލެ އައުމުގެ ހުއްދަ ދެވިފައިވޭތޯ އާއި އެ ހުއްދަ ދީފައިވާ ކަމަށްވާ ނަމަ ރިޔާޒަށް އެ ހުއްދަ ދެއްވީ ކޮން ސަބަބެއް އޮވެގެންތީ މަޖިލީހުގެ ކޮމެޓީއަކުން ބަލައި ދެއްވުމަށް އޭނާ އެދިވަޑައިގަނެވެ. އެކަމަކީ މެންބަރެއްގެ ސުލޫކީ މައްސަލައެއް ކަމަށް ސިރާޖު ފާހަގަކުރެއްވިއެވެ.

ރިޔާޒަށް މާލެ އައުމުގެ ހުއްދަ ދީފައިވަނީ ފުލުހުންނެވެ. އެކަމާއި ގުޅިގެން ބައެއް އާއްމުން ބުނަމުން ދަނީ މާލެއަށް ދިއުމަށް ކިތަންމެހާ ވެސް ގިނަ ބަޔަކު ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް މާލެ ލޮކްޑައުން ކޮށްފައި އޮތުމުން މާލެއަށް ނުދެވިފައިވާ ކަމަށެވެ. އަދި ރިޔާޒަކީ މަޖިލިސް މެންބަރަކަށް ވުމުގެ ކުރިން ދިވެހި ރައްޔިތެއް ކަމަށާއި އެހެން މީހުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.