ކޮވިޑް19 ޖެހިގެން ރާއްޖެއިން މީހަކު މަރުވީ ސަރުކާރުގެ ފަރުވާ ކުޑަކަމުގެ ސަބަބުން: އިދިކޮޅު

ޕީޕީއެމް އިން މީގެކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން ---

ކޮވިޑް19 ގައި ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާ ރޭގެ ވަގުތެއްގައި މަރުވެގެން ދިޔައީ ރައީސް އިިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރުވާ ކުޑަ ކަމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރޭ ރާއްޖެއިން ކޮވިޑް19 ޖެހިގެން މަރުވި މީހާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭ މަރުވި އާމިނަތު އާދަމް އަކީ ކޮވިޑް19 އަށް ޕޮސިޓިވް މީހެއްކަން އެނގިގެން ދިޔައީ އޭނާ ނިޔާވި ފަހުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައި ކަމަށެވެ. އަދި ދާއިމީ ގޮތެއްގައި ބައެއް ބަލިތަކަށް ބޭސް ކުރަމުން ދާ އުމުރުން ދުވަސްވީ މީހަކަށްވެ، ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާއި ގުޅުން ހުރި ފަރާތަކަށް އާމިނަތު އާދަމް ވީއިރު، އޭނާ ގޭގައި މޮނިޓަރިން އަށް ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

"އަދި އާމިނަތު އާދަމްގެ ފަރާތުން ކޮވިޑް19 ގެ އަލާމަތްތައް ފެނި ހާލު ބޮޑުވެގެން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ހެދުމަށް އާއިލާއިން އެދުނު ނަމަވެސް އެކަން ކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. އަދި މި ހިތްދަތި ހާލަތު ދިމާވުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލީހްގެ ސަރުކާރުގެ ފަރާތުން މިކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާ ކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވެއެވެ. އަދި އެކަން މި ކޯލިޝަންގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ،" އިދިކޮޅުން ބުންޏެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ގޮތެއްގައި ބަލިތަކަށް ބޭސް ކުރަމުން ގެންދާ ފަރާތްތަކާއި މެދު ހާއްސަ ސަމާލު ކަމެއް ދީ އެފަދަ ފަރާތްތަކުގެ ކިބައިން ވައިރަސްގެ އަސަރު ނުވަތަ އަލާމާތެއް ފެނިއްޖެ ނަމަ، އެފަރާތްތަކުގެ ފަރުވާގެ ކަންކަމުގައި ފަރުވާކުޑަ ނުކުރުމަށް ރައީސް ސޯލިހުގެ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ.

ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓު ކުރުމާއި، ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން މަޑު ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވީހާވެސް ގާތުން މޮނިޓާ ކުރެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް، އެޅޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައިފައެވެ. މީގެއިތުރުން ލަސްނުކޮށް ރައްޔިތުން ޓެސްޓް ކޮށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލުމެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ރޭ ކޮވިޑް19 ޖެހިގެން މަރުވި މީހާގެ ހަބަރު އެހީ ފުން ހިތާމައާއި އަސަރާއެކު ކަމަށް ބުނެފައެވެ. އަދި އެމީހާގެ ފުރާނައަށް ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތް މިންވަރު ކުރައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އެ ކޯލިޝަނުން ވަނީ ދުއާ ކޮށްފައެވެ. އަދި އެ ބަލީގައި މަރުވި މީހާގެ އާއިލާއަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤގައްޔޫމްގެ ނަންފުޅުގައްޔާއި ކޮންގްރެސް ކޯލިޝަންގެ ފަރާތުން ތައުޒިޔާ ދަންނަވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވުން އެދިވެސް އެ ކޯލިޝަނުން ވަނީ ދުއާ ކޮށްފައެވެ.

ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ 83 އަހަރުގެ މީހެކެވެ. އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 126) ގުޅިފައިވާ މީހެއް ކަމަށް ސަރުކާރުން ރޭ ވަނީ ހާމަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *