ރާއްޖެއިން 95 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ބިދޭސީން މަސައްކަތް ކުރަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖެއިން ކޮވިޑް19 އަށް 95 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 95 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 61 މީހަކާއި އިންޑިއާ އަށް ނިސްބަތްވާ 32 މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެ މީހެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 95 މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި 95 މީހުންނަކީ މީގެކުރިން ޕޮޒިޓިވްވި މީހުންނާއި އެއްވެސް ގުޅުމެއް އޮތް ބައެއް ކަމެއް ނޭނގެއެވެ.

ރާއްޖެއިން މި ބައްޔަށް މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 396 އަށް އަރާފައެވެ. އަދި މިއަދަކީ ރާއްޖެއިން ކޮވިޑް19 މިހާތަނަށް ފެނުނު ފަހުން މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ވެސްމެއެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

ރޭ ވަނީ ރާއްޖެއިން ކޮވިޑް19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކުވެސް މަރުވެފައެވެ. މަރުވީ އުމުރު 83 އަހަރުގެ އަންހެނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *