ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މެއި 30ގެ ނިޔަލަށް އިތުރުކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދިި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ: ފޮޓޯ / ހެލްތު މިނިސްޓްރީ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ސޮއިކުރައްވާ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އަށް ދިވެހިރާއްޖޭގައި ޕޮޒިޓިވް ވި ފުރަތަމަ ކޭސް މިދިޔަ މަހުގެ ހަތްވަނަ ދުވަހުގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައިވާ ކަމަށެވެ. އަދި ކޮވިޑް19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށެވެ.

އެއާއި އެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ލިބިދޭ ބާރުގެ ދަށުން، މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، މިއަދު (30 އެޕްރީލް 2020) ގެ ނިޔަލަށް ދެމެހެއްޓުމަށް މި މަހުގެ 10ވަނަ ދުވަހު ނިންމައިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، މިދިޔަ މަހުގެ 12ވަނަ ދުވަހުގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަމީނަށް ލަފާ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބުނެވިދިޔަ ގާނޫނުގެ ދަށުން، އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، 12 މާރިޗު 2020 އިން ފެށިގެން 30 މޭ 2010 ގެ ނިޔަލަށް، ދެމެހެއްޓުމަށް ނިންމައި، އެކަން އިއުލާނުކޮށްފީމެވެ،" މިނިސްޓަރު އަމީންގެ ދެންނެވުމުގައި ވިދާޅުވިއެވެ.

އެ ދެންނެވުން ނިންމާލައްވާ މިނިސްޓަރު އަމީން ވިދާޅުވީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *