1.5 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް އައްޑޫއަށް

މޯލްޑިވިއަން އިން އައްޑޫ ސިޓީއަށް ގެންދިޔަ މުދާތައް ބާލަނީ: ފޮޓޯ / މޯލްޑިވިއަން

އައްޑޫ ސިޓީގެ ރަށްތަކަށް ބޭނުންވާ މުދާ ހިފައިގެން މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް އައްޑޫ ސިޓީއަށް ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ އައްޑޫ ސިޓީގެ ގަމަށް 1507 ކިލޯގެ މުދާ ހިފައިގެން އެ އެއާލައިންގެ ބޯޓެއް ގޮސްފައިވާ ކަމަށެވެ. މިއީ މާލެ ސަރަހައްދު ލޮކްޑައުންކޮށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލި ފަހުން މިފަދައިން އައްޑޫ އަށް މޯލްޑިވިއަންގެ ފްލައިޓެއް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މި މަހުގެ 24ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓުތަކެއް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މޯލްޑިވިއަން އިން ކާގޯ ފްލައިޓުތައް ރަށްތަކަށް ބާއްވަނީ ރަށްރަށަށް ބޭނުންވާ މުދާތައް ގެންދިއުމަށް ކަމަށެވެ. އެ ފްލައިޓުތައް ކޮންމެ ދުވަހަކުވެސް އޮންނާނެ ކަމަށާއި އެ ފްލައިޓުގައި ކަރަންޓީން ނިންމާފައިވާ މީހުންނަށް އެނބުރި ރަށަށް ދިއުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ އިންޑިއާ، ލަންކާ، ތައިލެންޑް އަދި ޔޫއޭއީ އިން މުދާ ގެނައުމަށް ފްލައިޓުތައް ބާއްވަމުންނެވެ. މީގެއިތުރުން މެލޭޝިޔާ އިންޑިއާގެ ކޮޗިން އަދި ޓްރިވެންޓްރަމް އަދި ކޮލޮމްބޯގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ގިނަ އަދަދެއްގެ ދިވެހިން އެ އެއާލައިނުން ވަނީ ރާއްޖެ ގެނެސްދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *