ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ރައީސް ނިންމަވައިފި

ކޮވިޑް19 އާއި ގުޅިގެން ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން، އަޅަން ޖެހިފައިވާ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށް ގެންދެވުމަށާއި، އަދި މި މަހުގެ 21ވަނަ ދުވަހު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ 12 ވަނަ ނަންބަރު ދެންނެވެމުގައިވާ ގޮތުގެ މަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ ކަމަށެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމުން ގެންދިއުމަށް ވެސް ރައީސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.