ކޮވިޑް19އާ ގުޅިގެން އައިސީޔޫގައި ފަސް މީހަކަށް ފަރުވާ ދޭން ފަށައިފި

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުވެއްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ ހުސައިން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއަކަށް ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުން އެބަދޭ. އޭގެ ތެރެއިން ތިން މީހަކު އެއީ އެހެން ބަލިތަކުގެ މީހުން. އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިއަދު އޮކްްސިޖަން ބޭނުންވެގެން އޮކްސިޖަން ދިނިން. އެކަމަކު އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލަން. މީގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުންނަކީ ދިވެހިން،" ޑރ. މޫސަ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު މިރޭ ވަނީ ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް19 ޖެހިގެން މީހަކު މަރުވެފައެވެ. އެމީހާ އަކީ 83 އަހަރުގެ އަންހެނެކެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 280 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންވެސް ހިމެނެއެވެ. މީގެއިތުރުން ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *