ކޮވިޑް19 ޖެހިގެން މަރުވި މީހާގެ ވަނަވަރު އާއްމުކޮށްފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 އާއި ގުޅިގެން މަރުވި ފުރަތަމަ މީހާގެ ވަނަވަރު ސަރުކާރުން އާއްމުކޮށްފިއެވެ.

ކޮވިޑް19 ޖެހިގެން ރާއްޖެއިން ފުރަތަމަ މަރުވި މީހާއާ ގުޅިގެން އިތުރު މައުލޫމާތުތައް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަރުވި މީހާގެ އާއިލާއަށާއި ގާތް ތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާފައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ޖެހިގެން މަރުވެފައި ވަނީ އައިމިނަތު އާދަމް ނަމަކަށް ކިޔާ 83 އަހަރުގެ އަންހެނެއް ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެމީހާއަކީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 126) ގުޅިފައިވާ މީހެއް ކަމަށެވެ.

"އައިމިނަތު އާދަމް ނިޔާވެފައި ވަނީ ކޮވިޑް19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގި ފަހުން. އޭނާގެ ސާމްޕަލް ނަގާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ފަތިހު. ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައި،" އަމީން ވިދާޅުވިއެވެ.

އެމީހާ ވަޅުލާނީ މިހާރުވެސް ވަޅުލުމަށް ހަމަޖެހިފައިވާ ސަހަރާތަކުގައި ކަމަށް އަމީން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.