އިންޑިއާ އަދި އައިއެމްއެފް އިން ދިން ލޯނުތަކުގެ ތަފްސީލް ހާމަ ކުރުމަށް ގޮވާލައިފި

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް: ފޮޓޯ / މަޖިލިސް

އަވަށްޓެރި އިންޑިއާ އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްފް) އިން ރާއްޖެ އަށް ދީފައިވާ ލޯނުތަކުގެ ތަފްސީލުތައް ހާމަ ކުރުމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

ހުސައިން މުހައްމަދު ލަތީފް ކުރެއްވި ޓްވީޓެއްގައި މިއަދި ވަނީ އައިއެމްއެފް އިން ލޯނު ދީފައިވާ ނަމަ އިންޑިއާއިން ދިނީ ހިލޭ އެހީތޯ ސުވާލު ކުރައްވާފައެވެ. އަދި އެ ލޯނުތަކުގެ ތަފްސީލް ހާމަ ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

އެކަމާއި ގުޅިގެން "ހަތާވީސް އޮންލައިން" އާއި ވާހަކަދައްކަވަމުން މެންބަރު ހުސައިން މުހައްމަދު ލަތީފު މިރޭ ވަނީ ލޯންތަކުގެ އިންޓްރެސްޓު ރޭޓު ބަަޔާން ކޮށްފައި ނުވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެއިތުރުން ލޯނުތައް ދައްކަންޖެހޭ ގޮތް ނުވަތަ ގްރޭސް ޕީރިއަޑު ވެސް އެނގިފައި ނުވާތީ އެކަމާއި އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ލޯނުގެ ގޮތުގައި ފައިސާ ނަގާއިރު އެ ހަރަދު ކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލެއް ރައްޔިތުންނަށް ކިޔައި ދެވެން ޖެހޭނެ. ވަކިވަކިން ކުރާނެ ހަރަދުތަކާއި އެއްކޮށް،" މެންބަރު ހުސައިން ވިދާޅުވިއެވެ.

ހުސައިން ވަނީ ރައްޔިތުން މަޖިލިސް ބަހުސްތަކުގައިވެސް ސަރުކާރުން އެކުލަވާލައިފައިވާ ސްޓިމިއުލަސް ޕެކޭޖުތަކާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒު ނުވާތީ އެކަމާއި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖެ އަށް ދިމާވާ ބޭރު ފައިސާގެ ދަތިކަން ހައްލު ކުރުމަށްޓަކައި އައިއެމްއެފް އިން ދޭ ލޯނު އެހީ އާއި އިންޑިއާގެ މަރުކަޒީ ބެންކުން ދޭ ކަރަންސީ ސްވޮޕް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ވަނީ ލިބިފައެވެ. ރާއްޖެއަށް ލިބޭ ގެއްލުމަށް އެހީތެރިވުމުގެ ގޮތުން، އައިއެމްއެފުން ރާއްޖެއަަށް ދޭން ނިންމި 28.9 މިލިއަން އެމެރިކާ ޑޮލަރެވެ.

އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ 400 ޔޫއެސް ޑޮލަރު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން މިވަގުތައް 150 މިލިއަން ޔޫއެސް ޑޮލަރު މިހާރު ވަނީ އެމްއެމްއޭ އަށް ލިބިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.