މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ 14 މީހަކު ހިމެނޭ

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ 14 މީހަކު ހިމެނޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދުގެ އެންމެ ބޮޑު ކްލަސްޓާ އަކީ އެމްއެންޑީއެފް ކްލަސްޓާ ކަމަށާއި އޭގެ ތެރޭގައި 14 މީހަކު ހިމެނޭ ކަމަށެވެ. އެހެންކަމުން އެއީ ވަރަށް ބޮޑުވެދާނެ ކްލަސްޓާ އަކަށް ވެދާނެތީ ވަރަށް އިސްކަންދީގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިފައިންގެ ތެރެއިން ޕޮޒިޓިވްވި މީހުން ޕޮޒިޓިވްވި ތަންތަން:

* ބަންޑާރަ ކޮށީ (ބީކޭ) – 1 ސިފައިންގެ މީހަކު ޕޮޒިޓިވް

* ކަޅުތުއްކަލާ ކޮށީ (ކޭކޭ) – 2 ސިފައިންގެ މީހަކު ޕޮޒިޓިވް

* ކޮވިޑް ވިލެޖު – 2 ސިފައިންގެ މީހަކު ޕޮޒިޓިވް

* އެމްއެންޑީއެފް ވޯކްޝޮޕް – 14 ސިފައިންގެ މީހަކު ޕޮޒިޓިވް

މި އަދަދުތަކަށް ބަލާއިރު ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ މީހުންގެ ތެރޭގައި 19 މީހަކަށް މިވަނީ ކޮވިޑް19 ޖެހިފައެވެ. ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ ޕޮޒިޓިވްވި ސިފައިންނާއި ގުޅުންހުރި ބައެއް ސިފައިން މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

ކަރަންޓީން ކޮށްފައި ތިބި ސިފައިން އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ގައުމީ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އެހީވުމަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހާލަތުގައި ސިފައިން ތިބޭނީ ސާބިތުކަމާއި އެކުގައި ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން މިކަމުގައި ފްރަންޓު ލައިން އަށް ނުކުތް އިރުވެސް މިކަމުގައި އަޅުގަނޑުމެންވެސް ހަމަ ޝާމިލްވެގެންދާނެ ކަން. އެކަން އެނގިހުރި އަޅުގަނޑުމެން މިކަމުގެ ތެރޭގައިވެސް މި ޝާމިލް ވަނީ. އެހެންނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަރަންޓީންދާ ސިފައިން، އެމީހުންގެ މުއްދަތު ހަމަކޮށްފައިވެސް އަނެއްކާވެސް އެނބުރި އަންނާނީ ހަމަ މި މަސައްކަތުގެ ތެރެއަށް،” ކާނަލް ހުސައިން އަލީ ވިދާޅުވިއެވެ.

ކާނަލް ހުސައިން އަލީ ވިދާޅުވީ މި ހާލަތުގައި ސިފައިންގެ ލީޑާޝިޕް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ސިފައިންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބައޮތް ކަމަށާއި އެސްއޯޕީތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.