ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 277 އަށް އަރައިފި

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމުން މާލޭގެ ފިހާރައެއް ކައިރީގައި ބަޔަކު ކިއު ހަދާފައި: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 277 އަށް އަރާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިއަދު އިރު އޮއްސުމާއި ހަމައަށް ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 269 އަށް އަރާފައެވެ. މިހާރު ދަރުބާރުގޭގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އެ އަދަދު 277 އަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން އިތުރު 8 މީހަކު އަލަށް މިވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުންނަކީ އަލަށް ފެނުނު ކޭސްތަކެއްތޯ ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

ނަމަވެސް މިއަދު އެކަނިވެސް 27 މީހަކު މިވަނީ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެތީ މިއަދި އެޗްޕީއޭ އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ. މީގެއިތުރުންވެސް އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *