އިތުރު 13 ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

ފުލުހުންގެ އެދުމުގެ މަތިން، މާލެ ސިޓީ ކައުންސިލުން ކޮލިޕަސް ކުރިމަތި، މަޖީދީމަގު ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ/ ސިޓީ ކައުންސިލް

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 13 ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.

މި 13 ދިވެހިންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 269 އަށް އަރާފައެވެ. އަދި މިއަދު އެކަނިވެސް ރާއްޖެއިން މިހާރު މިވަނީ 19 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެއްސަކާއި، 152 ބިދޭސީންނެވެ. މީގެތެރެއިން 17 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިއަދު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މާލޭގެ އިތުރުން އުތުރުގެ ބައެއް ރަށްތަކުން ވެސް މި ބައްޔަށް ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މާލެ ދަތުރުކުރާ ށ.ނަރުދޫގެ "އަމާޒު" ބޯޓުގެ ކެޕްޓަން އާއި ސީދާ ގޮތުން ދިމާވި ނަރުދޫގެ 8 މީހަކާއި އަމާޒު ބޯޓުގައި ދަތުރުކުރި އެ އަތޮޅު މިލަންދޫގެ މީހެކެވެ.

އަދި މީގެކުރިން ހއ.އުލިގަމުން ވެސް މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެއީ ވެސް މާލެ ދަތުރުކުރާ ބޯޓެއްގައި އެނބުރި ރަށަށް ދިޔަ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *