މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި ޕާކިސްތާނު މީހެއް

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި ޕާކިސްތާނު މީހެކެވެ.

ހެލްތު މިނިސްޓްރީގެ ކޮވިޑް19 ޑޭޝް ބޯޑުގައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 13 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. މިއަދު ޕޮޒިޓިވްވި 6 މީހުންގެ ތެރޭގައި މީގެކުރިން ޕޮޒިޓިވްވި މީހުންނާއި ގުޅުންހުރި ތިން މީހަކު ފާހަގަކުރެވެއެވެ. އެގޮތުން ދެ ދިވެހިންނާއި ޕާކިސްތާނު މީހާއަކީ މީގެކުރިން ޕޮޒިޓިވްވެފައިވާ މީހުންގެ ކްލަސްޓާއަކާއި ގުޅިފައިވާ މީހުން ކަމަށް ހެލްތު މިނިސްޓްރީގެ ކޮވިޑް19 ޑޭޝް ބޯޑުން ހާމަވެގެންދެއެވެ.

ނަމަވެސް ބާކީ ތިބި ތިން މީހުންގެ އެފަދަ ކަމެއް ފާހަގައެއް ނުކުރެއެވެ. އަދި އެއީ މުޅިން އަލަށް ޕޮޒިޓިވްވި ތިން މީހުން ކަމެއް ނުވަތަ އެއްވެސް ކޭސް އަކާއި ގުޅޭ ބައެއް ކަމެއް ވެސް ނޭނގެއެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންނަކީ ހުސް މާލެއިން ޕޮޒިޓިވްވި މީހުން ކަމެއް ނުވަތަ ރާއްޖޭގެ އެކި ހިސާބުތަކުން ޕޮޒިޓިވްވި މީހުން ކަމެއް ނޭނގެއެވެ. މިއަދު ޕޮޒިޓިވްވި ހަ މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް 256 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން 204 މީހުންނަކީ ފިރިހެނުންނެވެ. އަދި 52 މީހުންނަކީ އަންހެނުންނެވެ. މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގެ އެކި ސަރަހައްދުން އަންނަނީ ފެންނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *