މި ދަނޑިވަޅުގައި ފެނާއި ކަރަންޓު ހިލޭ ނުކޮށްދެވޭންވި ސަބަބެއް ނެތް: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް

ކޮވިޑް19 ގެ މި ހާލަތުގައި ރައްޔިތުންނަށް ފެނާއި ކަރަންޓު ހިލޭ ނުކޮށްދެވޭންވި އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ފެނާއި ކަރަންޓު ހިލޭ ނުކޮށްދިނުމުގެ ކަންބޮޑުވުން ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފާޅު ކުރައްވައިފިއެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ވަބާއާ ގުޅިގެން ދިވެހި ރައްޔިތުނަށް ދިމާ ވެދާނެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް ކަރަންޓް އަދި ފެން ބިލުން ބައެއް ދައްކައިދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ނަމަވެސް ރޭ އޮތް އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކޮވިޑްގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ލުޔެއް ދޭން އެޕްރީލް އަދި މެއި މަހު ކަރަންޓް ބިލާއި ފެންބިލް ހިލޭ ކޮށްދިނުމަށް ހުށަހެޅުއްވިއެވެ.

ނަމަވެސް ޝިޔާމްގެ އެ ހުށަހެޅުމަކަށް ތާއީދެއް ނުލިބުނެވެ. އެސްއޯއީ ކޮމެޓީގައި އެ ހުށައެޅުމަށް ވޯޓް ދެއްވީ ހުށަހެޅުން ހުށަހެޅުއްވި މެންބަރު ޝިޔާމްއާ މެންބަރު ފަޒުލް ރަޝީދާއި އެމްޑީީޕީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ރަޝީދު (ބޮންޑާ) އަދި ފުވައްމުލަކު މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.

ޝިޔާމްގެ އެ ހުށައެޅުމަށް ޖުމްހޫރީ ޕާޓީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ތާއީދު ކުރެއްވިއެވެ. ނަމަވެސް ވޯޓު ގަޑީގައި އޭނާ ނެތުމުން އެ ހުށަހެޅުމަށް ވޯޓު ލެވޭ ގޮތެއް ނުވިއެވެ.

ޝިޔާމްގެ ހުށަހެޅުމާއި ދެކޮޅަށް ވޯޓް ދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. ވަކިކޮޅަށް ވޯޓް ނުދެއްވާ ތިއްބެވީ ކިނބިދޫ ދާއިރާ މެންބަރު މުޙައްމަދު ނާޝިޒުގެ އިތުރުން ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އެހެން ކަމުން އެ ހުށަހެޅުން ފާހެެއް ނުވިއެވެ.

އެކަމާއި ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ވޭތުވެދިޔަ 25 އަހަރު ދުވަހު ދަށަށް ނުދާ ވަރަށް ތެލުގެ އަގު ދަށަށް ގޮސްފައިވާ ކަމަށެވެ. 4.4 ބިލިއަން ރުފިޔާ ޗާޕު ކުރުމަށް މަޖިލީހުން ރުހުން ދީފައިވާއިރު ރައްޔިތުންނަށް އެކަން [ފެނާއި ކަރަންޓު ހިލޭ] ނުކޮށްދެވޭންވީ ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވެސް ޝިޔާމް ވަނީ އެކަމާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މި ލޮކްޑައުންގެ ތެރޭގައި ފެނާއި ކަރަންޓު ބޭނުން ކުރާ މިންވަރު 40 ޕަސެންޓު ވާނީ އިތުރު ކަމަށެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް މި ދެ ކަންތައް ހިލޭ ކޮށްދެއްވަންވީ ވަގުތު ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.