ސަރުކާރުން ބޭނުންވާ ކަންކަން ވިޔަ ނުދިނުމަށް ޝަރީފު މަސައްކަތް ކުރާކަމުގެ ތުހުމަތު ނަޝީދު ކުރައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް --

ރައްޔިތުން މަޖިލިސް ތެރެއިން ސަރުކާރުން ބޭނުންވާ ކަންކަން ވިޔަ ނުދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ބަހުގެ ހަމަލާތަކެއް އާޒިމް އަށް ރައްދު ކުރައްވާފައެވެ. ޝަރީފްގެ ވާހަކަތަކަށް އާޒިމްވެސް ވަކި ދުލެއް ނުކުރައްވައެވެ. އާޒިމް ވެސް ދިޔައީ ޝަރީފަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލު ކޮމެޓީން ނިންމާފައިވާ ގޮތާއި ގުޅޭ ގޮތުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި އަލީ އާޒިމް ވަނީ ކޮމެޓީން ބިލު ފާސްކުރި ގޮތާއި ގުޅޭ ގޮތުން ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ މަޝްވަރާ ނުކޮށް ބިލެއް ތަޅުމަށް ފޮނުވުމުން ޖެހިގެން އަންނަ ދުވަހު އެތައް ބައިވަރު އިސްލާހުތަކެއް އެ ބިލަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

"އެކަހަލަ ގޮތަކަށް އަޅުގަނޑުމެން އަވަސް އަރުވާލާފައި، ކަންކަން ކުރުމުން އެ ދިމާވާގޮތަކީ ހަމަ އެ ރިޕޯޓްލުމާއި އަނެއްކާ ޖެހިގެން އަންނަ މިނިޓްގައި އަނެއްކާ އެ ބަދަލުކުރަން އަޅުގަނޑުމެން ހުށަހަޅަންޖެހޭ ހުށަހަޅަން ޖެހުން މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ޤަބޫލު ކުރެވޭނެ ކަމެއް ނޫން." އާޒިމް ވިދާޅުވިއެވެ.

ނަމަވެސް ޝަރީފް ވަނީ ކޮމެޓީން ބިލު ފާސްކުރި ގޮތަށް މަޖިލީހުން ފާސް ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އަލީ އާޒިމް ވަނީ އެ ބިލުގައި މައްސަލަތައް ހުރި ކަމަށް ވިދާޅުވެފައެވެ. އަލީ އާޒިމްގެ ވާހަކަތައް ހުއްޓުވާ ޝަރީފް ނިޒާމީ ނުކުތާއެއް ނެންގެވުމަށްފަހު ވަނީ ހަގީގަތް އޮޅޭގޮތަށް ކޮމިޓީތަކާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ދައްކަވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ޝަރީފު ނެންގެވި ނިޒާމީ ނުތާ ބަލައި ނުގަތް އާޒިމްގެ ވާހަކަ ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެއްވިއެވެ. ނަމަވެސް ފަހުންވެސް ނިޒާމީ ނުކުތާއަށް ޝަރީފް ދިޔައީ އެދިވަޑައިގަންނަވަމުންނެވެ.

"އިއްޒަތްތެރި މެމްބަރު ކުރައްވާކަމަކީ ސަރުކާރުން ބޭނުންވާ މަސައްކަތް ކުރިޔަ ނުދެއްވުމަށް އެހެން ގޮތަކަށް، ފިލި ބަސްތައް ކުރައްވަނީ. އެހެން ނުހައްދަވާށޭ. މިކަން ކުރުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް ވެސް ދެއްވާ. އިއްޒަތްތެރި މެމްބަރުގެ ބުއްދިވެރިކަމުންނާއި އެކު މެމްބަރު ހައްދަވާގޮތަކީ ލަސްކުރަން ވެގެން ނިޒާމީ ނުކުތާ ނަންގަވަނީ." ޝަރީފަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޝަރީފާއި ގުޅިގެން މިފަދައިން ވާހަކަދެއްކެވިއިރު މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކުރައްވަން ބޭނުންވާ ސުވާލުތަކުގެ ނޯޓިސް ފޮނުވާ އެ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް މިނިސްޓަރު އަމީން ޖަވާބު ދެއްވާފައި ނުވާތީ ނަޝީދު އިއްޔެ ވަނީ ގާނޫނުއަސާސީއާ މަޖިލިސްގެ ގަވާއިދަށް އަމީން ހިލާފުވެފައިވާ ކަމަށް ކަނޑައަޅާފައެވެ.

ނަޝީދު އެގޮތަށް ކަނޑައެޅުއްވުމުން ޝަރީފް ވަނީ އެއީ މަޖިލިސް ރައީސް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ އެ ނިންމެވުމަށް ފާޑު ވިދާޅުވެފައެވެ. މީގެއިތުރުންވެސް މަޖިލިސް ޖަލްސާތަކުގެ ބަހުސްތަކުގައި މަޖިލީހުގެ ރިޔާސަތުން ބައިވެރިވާ ކަމަށްބުނެ ޝަރީފް ވަނީ ދާދިފަހުން ވެސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *