އިތުރު 6 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 256 އަށް

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ރާއްޖެއިން އިތުރު ހަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ކޮވިޑް19 ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މި ބައްޔަށް މިއަދު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީގެ ޑޭޝް ބޯޑުގައިވާ ގޮތުގައި މިހާތަނަށް 17 މީހަކު ބައްޔަށް ފަރުވާ ހޯދުމަށްފަހު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާ ދެމުން ދަނީ 239 މީހަކަށެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެތީ މިއަދި އެޗްޕީއޭ އިން ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމާފައެވެ. މީގެއިތުރުންވެސް އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *