ޗުއްޓީ އަށް ނުގޮސް މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ މިހާރު ހިނގަމުން އަންނަ ދައުރު މެންބަރުންނަށް ޗުއްޓީ ނުލިބޭނެހެން ދަންމާލުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ މިއަދު މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނު ވަނީ ދައުރު ދަންމާލުމަށް މިއަދު ވޯޓަށް އަހާނެ ކަމަށް ވިދާޅުވެފައެވެ. ވޯޓު ގަޑީގައި ވަނީ އެ ހުށަހެޅުމަށް ވޯޓަށް އަހާފައެވެ. އެ ހުށަހެޅުމަށް ވަނީ 67 މެންބަރަކު ވޯޓަށް އަހާފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ ގައުމު މި އޮތީ ބިރުވެރި ފައްތަރެއްގައި ކަމަށެވެ. މި ވަގުތަކީ އެއްވެސް ހާލެއްގައި މަޖިލިސް ބަންދުކޮށްފައި އޮވެގެން ވާނެ ދުވަސްވަރެއް ނޫން ކަމަށާއި އެކަމަކީ ހުދު އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވަނީ މި ހާލަތުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް މެންބަރުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ މަޖިލިސް އޮންކޯލްގައި ތިއްބެވުން ބުއްދިވެރި ކަމަށެވެ.

"މިދިޔަ ތިން، ހަތަރު، ފަސް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މި މޭރުމުން، މި އިންތިޒާމުތަކުގައި މަޖިލިސް ހިންގޭ ގޮތަށް ކަންކަން ފައްކާ ކުރެވިފައި ހުރި ކަމުން، ސަރުކާރަށް ވެސް ބޭނުންވާ އެތައް ކަމެއް މިދަނީ މަޖިލިހުން ކުރެވެމުން،" މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ކޮވިޑް19 އާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަކީ ޖަވާބުދާރީ ކުރެވެން ޖެހޭ ކަންތައްތަކަކަށް ވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކަންކަން ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ މަޖިލީހުގެ ދައުރެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މީގެ މާނައަކީ މަޖިލިހުގެ މެމްބަރުންނަށް މި ދައުރު ނިމިގެން ޗުއްޓީއެއް ނެތުނީއޭ، މެމްބަރުންނަށް ޖަލްސާއަކަށް އެދުނީމަ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް މަޖިލިސް ނިންމެވީއޭ. އެ ވޯޓަށް ފަހު، އެގޮތަށް ނިމިގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.