ވެންޓިލޭޓަރުތައް ގެންނަން ބިޑަކާއި ނުލާ ދިނީ އެ ތަކެތި އަވަހަށް ބޭނުންވާތީ: އަމީން

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ރާއްޖެއިން ނުރައްކާތެރި ކޮވިޑް19 ފެނިފައިވާއިރު އެކަމުގެ ނުރައްކާތެރިކަން ބޮޑުވާ ހާލަތެއްގައި ބޭނުން ކުރުމަށް ސަރުކާރުން ގެންނަން ނިންމި 200 ވެންޓިލޭޓަރު ގެނައުމަށް ދީފައިވަނީ ބިޑަކާއި ނުލާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ލިޔުމުން އަމީން ދެއްވި ޖަވާބުގައި ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ތިން ކުންފުންޏަކަށް ހަވާލުކުރި ކަމަށާއި އެ ތިން ކުންފުންޏަކީ ހެލްތު މިނިސްޓްރީއަށް އިތުބާރު ކުރެވޭ ތިން ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތިން ކުންފުންޏަކީ އެސްޓީއޯ، މެޑްޓެކް އަދި ނާޑް ކިޔާ ކުންފުންޏެކެވެ.

އެ ތިން ކުންފުންޏަކީ ވެސް ހެލްތު މިނިސްޓްރީއަށް މީގެކުރިންވެސް ސިއްހީ ސާމާނުތައް ސަޕްލައި ކޮށްދީފައިވާ ކުންފުނިތައް ކަމަށް އަމީން ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް އަވަހަށް ހޯދަން ބޭނުންވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އެއީ މެކްޓެކް އާއި ނާޑް ކުންފުންޏެވެ.

ހެލްތު މިނިސްޓްރީން ވަނީ 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ނާޑު ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައެވެ. 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާއި ހަވާލު ކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިވެވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑް މެދުވެރިިކޮށް ވަނީ ގެންނަން ނިންމާފައެވެ.

“މިތަކެއްޗަކީ ވަރަށް އަވަހަށް ހޯދަންޖެހޭ ތަކެތި ކަމަށް ވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކާ ވަނީ ތަކެތި ގެނައުމަށް 19 މާޗު ހަވާލުކުރެވިފައެވެ.” މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި އެންމެ ބޮޑު ދައްޗަކީ ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކޮށްފައި އޮތުން ކަމަށެވެ. އަދި އެއީ ކޯޓޭޝަން ހޯދި އިރު، ކުންފުނިތަކުން އުންމީދު ކުރި ގޮތެއް ނޫން ކަން ކުންފުނިތަކުން ވަނީ އަންގާފައި ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މެޑްޓެކް އަދި ނާޑަށް ހަވާލުކުރި ވެންޓިލޭޓަރުތައް ލިބުމުގައި ލަސްތަކެއް އުޅޭ ކަމަށް ގަބޫލުކުރެވޭތީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ތެރެއިން ވެންޓިލޭޓަރުތަކެއް ސަޕްލައި ކުރަން ހަވާލު ކުރެއްވި ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި މެޑްޓެކްއާ ހަވާލު ކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި ރާއްޖެ ގެނެވޭނެ ކަން އެ ކުންފުނިން އަންގާފައިވާއިރު އިތުރު 10 ވެންޓިލޭޓަރު މެއި މަހުގެ 15 ގައި ގެނެވޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށާއި ބާކީ ހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާ ކުރާނެ ކަމަށެވެ. އެގްސެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ވެސް މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އަމީން ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.