ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލު ކޮމެޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓިގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ރާއްޖޭގައި ބާއްވާނެ ފަދަ ހާލަތެއް ނެތުމުން އެ އިންތިހާބު ފަސްކުރުމާއި ގުޅޭ ގޮތުން އެކުލަވާލި “ހާއްސަ” ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ކޮމެޓީ އަށް ފޮނުވީ މި މަހުގެ 26ވަނަ ދުވަހުއެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް މިމަހުގެ 12ވަނަ ދުވަހު އިލެކްޝަނުން ނިންމީ އަންނަ މަހުގެ 18ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. ފަހުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުއްދަތެއް ނެތް ގޮތަށް އިންތިހާބު ފަސް ކުރުމަށް އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ނިންމިއެވެ. ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނެގިއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ނަގާފައި ވަނީ މި މައްސަލައަށް އަވަސް ޙައްލެ ރައްޔިތުންގެ މަޖިލީހުން ގެނެސްދޭނެ ކަމަށް މަޖިލީހުން ބުނުމުންނެވެ.

ކޮމެޓީން މި ބިލު ފާސްކުރިއިރު ބިލަށް ދެ މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި އެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ވެސް ބާއްވަން ޖެހޭނެ ކަމަށް ބުނެ ބިލަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ.

ދެވަނަ އަށް ބިލަށް އިތުރު ކޮށްފައިވާ މާއްދާއަކީ  ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއާއި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ އެޑްރެސް ބަޔާންކޮށްފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރެޖިސްޓްރީ ކުރުމާއި ވޯޓު ފޮށީގެ އަދަދާއި ވޯޓު ފޮއްޓަށް ވޯޓުލާ މީހުންގެ އަދަދާއި ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަލުން ކުރަން ޖެހޭނެ ކަމަށް ބުނެ އިތުރުކުރި މާއްދާއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020،އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުނީ ކަމަށް ބިލުގައިވެއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށްވެސް ބިލުގައިވެއެވެ.

ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައި ކަމަށް ބިލުގައިވެއެވެ.

ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެ ކަމަށާއި ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެ ކަމަށް އެ ބިލުގައިވެއެވެ. ނަމަވެސް އެ މީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ. ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.