"އަމާޒު" ބޯޓާއި ގުޅިގެން 9 މީހަކު ވަނީ ޕޮޒިޓިވްވެފައި

މާލޭގެ ބަނދަރުމަތިން: ފޮޓޯ / ރާއްޖެ އެމްވީ

ށ އަތޮޅާއި ނ އަތޮޅު އަދި ހއ އަތޮޅުގެ ބައެއް ރަށްރަށަށް މީހުން ގޮވައިގެން “އަމާޒު” ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި އެކު އެ ބޯޓާއި ގުޅިގެން 9 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ "އަމާޒު" ބޯޓާއި ގުޅިގެން މިހާތަނަށް ހޯދި ހޯދުންތަކުން 113 މީހަކު ކޮންޓެކްޓު ކުރެވިފައިވާ ކަމަށެވެ. އޭގެތެރެއިން ވެސް ހައި ރިސްކު މީހުންތަކެއް އެބަތިބި ކަމަށާއި އެގޮތުން 113 މީހުންގެ ތެރެއިން 35 މީހަކު ހައި ރިސްކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާލުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ބަލީގެ އަލާމާތްތައް 11 މީހެއްގެ ގައިން ފެނިފައިވާ ކަމަށާއި އޭގެތެރެއިން 9 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ. ބަލި ޖެހިފައިވަނީ "އަމާޒު" ބޯޓުގެ ކެޕްޓަން އާއި ސީދާ ގޮތުން ބައްދަލުވި ށ. ނަރުދޫގެ 8 މީހަކު ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމީހުންނަކީ އެބޯޓުން ދަތުރުކުރި މީހުން ކަމަށެވެ.

މި ބޯޓުން ވަނީ 98 މީހަކު ދަތުރު ކޮށްފައެވެ. މި ބޯޓު މާލެއިން ފުރާފައިވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއީ މާލެއިން ކޮވިޑް19 އަށް މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާން ކުރި ދުވަހެވެ. އެއީ މާލެ އިން ކޮވިޑް19 ފެނިގެން އެ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމި ވަގުތުވެސްމެއެވެ. ނަމަވެސް މާލެ ސަރަހައްދުގެ އެއްވެސް ބަނދަރަކުން ބޯޓު ފަހަރުތައް ފުރުން މަނާ ކޮށްފައިވަނީ އޭގެ ވަގުތުކޮޅެއް ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *