ގއ. ކޮނޑޭއިން ބޮޑު ކިނބުލެއް ހިފައިފި

ގއ. ކޮނޑޭ ޒުވާނުންތަކެއް މިރޭ ހިފި ކިނބޫ ބަނދެފައި-- ފޮޓޯ/ ހަތާވީސް އޮންލައިން

ގއ. ކޮނޑޭއިން ބޮޑު ކިނބުލެއް ހިފައިފިއެވެ.

ކިނބޫ ހިފާފައި ވަނީ މިރޭ 9:30 އެހާކަންހާއިރު، އެ ރަށު ގޮނޑުދޮށުންނެވެ. ރަށު ޒުވާނުންތަކެއް ނުކުމެ، ކިނބޫ ހިފާފައި ވަނީ ދާ ޖަހައިގެންނެވެ. ކިނބޫ ހަތް ފޫޓަށް ވުރެ ބޮޑުވާނެ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު ހަކީމް ވިދާޅުވީ ކިނބޫ މިހާރު ބާއްވާފައި އޮތީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކަމަށެވެ.

ހަތާވީސް އޮންލައިންނަށް ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން ކިނބޫ އޮތީ ތުން އައްސާފައެވެ. އަދި ހިނގައިނުގަނެވޭ ގޮތަށް ފައި ވެސް އޮތީ ބަނދެފައެވެ.

އިރުވައި މޫސުމުގެ ފަހުކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުން މަދުން ނަމަވެސް ކިނބޫފެނެއެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ރާއްޖެއިން ފެންނަ ކިނބޫތަކަކީ ދެ މޫސުން ބެނދޭ ދުވަސްވަރު ވަޔައި އޮއި ހުންނަ ގޮތުން، އަވަށްޓެރި ގައުމުތަކުގެ އައްސޭރިފަށުން، ރާއްޖެ ސަރަހައްދަށް އަންނަ އެއްޗެއްސެވެ. ކިނބުލަކީ ރާއްޖޭގައި އާލާވެ، ދިރިއުޅޭ އެއްޗެއް ނޫނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.