އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 249 އަށް އަރައިފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ރާއްޖެއިން އިތުރު ހަތަރު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 249 އަށް އަރާފައިވާ ކަމަށެވެ.

މިއަދު ހަވީރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ރާއްޖެއިން އެހާތަނަށް ޕޮޒިޓިވްވެފައި ވަނީ 245 އަށް ކަމަށެވެ. އެހެންކަމުން 249 އަށް މިހާރު އަރާފައިވާ ކަމަށް މަބްރޫކް ވިދާޅުވުމުން އިތުރު ހަތަރު މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.