ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްދިނުމަށް ރައީސަށް ސިޓީއެއް

ކުރީގެ ރައީސް ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސޮއިކުރައްވާ ރައީސް އަށް ފޮނުއްވި ސިޓީގައި އިދިކޮޅު ކޯލިޝަނުން ވަނީ މި ފަހަކަށް އައިސް މާފުށި ޖަލުގައި ހަމަނުޖެހުންތައް ހިނގަމުންދާކަން ފާހަގަކޮށްފައެވެ. އަދި ގައިދީންގެ ފަރާތުން ތަފާތު އެކިއެކި އިންޒާރުތައް ޖަލު އޮފިސަރުންނަށް ލިބެމުން އަންނަ ކަމަށާއި އެސްއޯ ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާ ކަމަށްވެސް މީޑިއާއިން ހާމަކޮށްފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަންކަމުގެ އެއްވެސް ތަފްސީލެއް ހީމް މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާ ކަމަށްވެސް އެ ސިޓީގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީން ވެސް ހުންނެވީ މާފުށީ ޖަލުގައި ކަމަށާއި އެތަނުގައި އެމަނިކުފާނު ހުންނަވަނިކޮށް ހަމަނުޖެހުންތަކާއި ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޖަލުގައި ހިނގަމުން އަންނަ ކަންތައްތަކާއި ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅާ ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިދަނޑިވަޅަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށްވުމުން މާފުށީ ޖަލުގައިވެސް އެ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތްއިރު އެތަނުގައި ރައީސް ޔާމީން ހުންނެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އެހެންކަމުން މި ހާލަތުގައި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އިދިކޮޅުން އެ ސިޓީގައި އެދިފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.