ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު އިނގިރޭސި ފޮރިން ސެކްރެޓަރީ އާއި ހިއްސާ ކުރައްވައިފި

ރައީސް ސޯލިހު ފޯނު ކޯލެއްގައި: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން މިއަދު ރާއްޖޭގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އާއި ހިއްސާ ކުރައްވައިފިއެވެ.

ފޯނުން ގުޅުއްވާ މިއަދު ދެ ބޭފުޅުން ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖެއާ އިނގިރޭސިވިލާތަށް ކޮށްފައިވާ އަސަރުތަކާއި ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. އަދި އެކަމުން ރައްކާތެރިވުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅުތަކާއި ގުޅިގެން ވެސް ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

މި ވާހަކަފުޅުގެ ތެރެއިން ރައީސް ސޯލިހު ވަނީ ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފެނިގެން ދިޔަ ނަމަވެސް މަހެއްހާއި ދުވަހަށް ކޮމިއުނިޓީ ސްޕްރެޑަކަށް މިބަލި ދިޔަ ނުދީ ހިފެހެއްޓިފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފާއިތުވެގެން ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި ވެރިރަށް މާލޭގައި މިބަލި ފެނުމާއި އެކު ބަލިން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މާލެ ސިޓީ ލޮކްޑައުން ކޮށްފައިވުމާއި އަދި ވެސް އެހެން ބައެއް މުހިއްމު ފިޔަވަޅުތައް މިކަމުގައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ މިއަދު ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިތުރަށް މިބަލި ފެތުރުނު ނުދިއުމަށްޓަކައި ސިއްހީ މާހިރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އިގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީއާ ރައީސް ސޯލިހު ގުޅުއްވިއިރު އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލްއާ ފޯނުން ގުޅުއްވާ ވެސް ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ހާލަތު ހިއްސާ ކޮށްދެއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.