އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މެދުނުކެނޑި ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދިލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލްމ ނަސީމް: ފޮޓޯ / ރައީސް އޮފީސް

އެހެންބަލިތަކަށް ފަރުވާ ހޯދާފަރާތްތަކަށް ވެސް މިދުވަސްވަރު ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންނާއި އެކު މިއަދު އޮންލައިންކޮށް ނާއިބު ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވާ ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހާއްސަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އެގޮތުން ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދުވަސްވަރު އާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތާއި އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ތެލެސީމިއާ ކުދިންނާއި މާބަނޑު އަންހެނުންނާއި އަދި އެނޫންވެސް ބޮޑެތި ބަލިތަކުގައި ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައިހުރި ގޮތާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.

އަދި ކޮވިޑް19 އާއި ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި އެކަންކަން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވީހާވެސް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމާއި ކޮވިޑް19 ގެ ބަލީގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ހޯދާފަރާތްތަކަށް ވެސް މިދުވަސްވަރު ހިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ

މި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ހާއްސަކޮށް ކޮވިޑް19 ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ކުރާ އާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ސިއްހީ ދާއިރާއިން ކުރިން އާންމު ދަތުރުފަތުރަށް ބަރޯސާވެ ދެމުންދިޔަ ބައެއް ހިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް 245 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި މާލޭގެ އިތުރުން ބައެއް ރަށްރަށުން ވެސް މި ބައްޔަށް ޕޮޒިޓިވްވި މީހުންވެސް ހިމެނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.