ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލަން ނިންމައިފި

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ތަކެތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މައާފު ކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ސިއްހީ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއް ކަމަށާއި މި ދަނޑިވަޅުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތިން ނަގާ ޑިއުޓީ ކަނޑާލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ އާދީއްތަ ދުވަހު ނިންމަވާފައިވާ ކަމަށެވެ. އެތަކެތީގެ ޑިއުޓީ ރައީސް ސޯލިހު މައާފު ކޮށްދެއްވާފައި ވަނީ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ގެ އަށް ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލު ކުރާނެ އުސޫލުގެ އަށް ވަނަ މާއްދާގެ (ހ) އާއި (ރ) ގެ ދަށުންނެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން އަންނަނީ އެކަމާއި ދެކޮޅަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެކަމުން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަންނަނީ ގައުމުތަކާއި ގުޅިގެން، ގިނަ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.