އައިސޮލޭޓުވި މިނިސްޓަރުންގެ މައުލޫމާތުތައް ހިއްސާކޮށްފި

ކެބިނެޓް ބައްދަލުވުން/ ފޮޓޯ- ރައީސް އޮފީސް

ރާއްޖޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ތިއްބެވީ އައިސޮލޭޝަންގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައި ވާތީ އެކަމުގެ މައުލޫމާތު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ހިއްސާ ކުރައްވައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބައެއް މީހުންނާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބައެއް ވަޒީރުން މިވަގުތު އައިސޮލޭޝަންގައި ތިއްބެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ވަޒީރުން ތިއްބަވަނީ އެއްވެސް ވަރަކަށް މަސައްކަތަށް ނުނިކުމެ ގޭގައި ކަމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބައެއް މީޑިއާތަކުގައި އެކަމުގައި އޮޅުން އަރާ ގޮތަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެގޮތުން ބައެއް މީޑިއާތަކުގައި ފަސް ވަޒީރަކު އައިސޮލޭޝަންގައި ތިބި ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ތަފްސީލް ދެއްވަމުން މަބްރޫކް ވިދާޅުވީ މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުގައި ހިމެނެނީ ތިން މިނިސްޓަރެއް ކަމަށެވެ. އޭގެތެރެއިން އެއް މިނިސްޓަރަކީ ސެކަންޑަރީ ކޮންޓެކްޓެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކާއި މިނިސްޓަރަކު ކޮންޓެކްޓުވި ކަމަށާއި އެކަން އެނގުމުން މިނިސްޓަރު އަމިއްލައަށް އައިސޮލޭޓުވި ކަމަށެވެ. އަދި ފަހުން އެ ކޮންޓެކްޓު ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ދެން ހުންނެވި މިނިސްޓަރު އައިސޮލޭޓުވީ އެ މިނިސްޓަރަށް އެއްވެސް އަލާމާތެއް ފެނިގެން ނޫން ކަމަށެވެ. ނަމަވެސް މިނިސްޓަރު ދިރިއުޅުއްވާ އިމާރާތުން ބަލި ޖެހުނު މީހަކު ފެނުމާއި އެކު އެ އިމާރާތް މޮނީޓަރިންގެ ހާލަތަށް ލުމާއި އެކު މިނިސްޓަރު ހުންނެވީ އައިސޮލޭޝަންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއްވެސް ހާލަތެއްގައި މިނިސްޓަރު ދިރިއުޅުއްވާ އެޕާޓުމަންޓު މޮނީޓަރިންގެ ހާލަތަށް ލީ ނޫން ކަމަށް ވިދާޅުވިއެވެ.

އިތުރަށް މަބްރޫކް ވިދާޅުވީ ތިންވަނައަށް ފާހަގަކުރެވިފައިވާ މިނިސްޓަރު އައިސޮލޭޓު ވުމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގީ މިނިސްޓަރަށް ވަޑައިގެންނެވުނު ތަނެއްގެ ސަބަބުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެއްވެސް ހާލަތެއްގައި އަޅުގަނޑުމެން މިނިސްޓަރުންނަށް ވަކި ގޮތަކަށް އަމަލެއް ނުކުރަން، ހަމަ އޮންނަ އުސޫލުގެ ތެރެއިން އަމަލު ކުރަމުން ދަނީ،" މަބްރޫކް ވިދާޅުވިއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 ގެ މަސައްކަތުގައި ދައުލަތުގެ ހުރިހާ ވަޒީރުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ވަޒީރުންނަށް އެ ބަލި ނުޖެހޭނެ ކަމެއް ނޫން ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުނުވާނެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

އެހެންނަމަވެސް އެއް ވަޒީރަކު ނެތް ނަމަ އަނެއް ވަޒީރަކު މި މަސައްކަތުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނިކުންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *