ޕޮޒިޓިވްވި ސިފައިންގެ މީހުންގެ ތެރޭގައި ކަޅުތުއްކަލާ ކޮށީގައި އުޅުނު ދެ މީހަކު ހިމެނޭ

ސިފައިންގެ ބަޔަކު މަގުމަތީގައި: ފޮޓޯ / މިހާރު

ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ ފަސް މީހުންގެ ތެރޭގައި ކަޅުތުއްކަލާ ކޮށީގައި އުޅުނު ދެ މީހަކު ހިމެނޭ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފުރަތަމަ ކޮވިޑް19 އަށް ޕޮޒިޓިވްވި ސިފައިންގެ މީހާ އަކީ ބަންޑާރަ ކޮށިން (ބީކޭ) އިން އެ ބައްޔަށް ޕޮޒިޓިވްވި މީހެއް ކަމަށެވެ. އެމީހާއާ ގުޅިގެން 48 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ޕޮޒިޓިވްވި ސިފައިންގެ ދެ މީހުންނަކީ ކަޅުތުއްކަލާ ކޮށީގައި އުޅެމުން އައި ދެމީހުން ކަމަށެވެ. އެމީހުންނާއި ގުޅިގެން 46 ކޮންޓެކްޓެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދެން ތިބި ދެ މީހުންނަކީ ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ މީހުން ކަމަށާއި އެ ދެ މީހުންނާއި ގުޅިގެން 23 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަމުން އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ މިހާރު ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 5 ސިފައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އެ ސިފައިންނާއި ގުޅުންހުރި ބައެއް ސިފައިން މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

ކަރަންޓީން ކޮށްފައި ތިބި ސިފައިން އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ގައުމީ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އެހީވުމަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހާލަތުގައި ސިފައިން ތިބޭނީ ސާބިތުކަމާއި އެކުގައި ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން މިކަމުގައި ފްރަންޓު ލައިން އަށް ނުކުތް އިރުވެސް މިކަމުގައި އަޅުގަނޑުމެންވެސް ހަމަ ޝާމިލްވެގެންދާނެ ކަން. އެކަން އެނގިހުރި އަޅުގަނޑުމެން މިކަމުގެ ތެރޭގައިވެސް މި ޝާމިލް ވަނީ. އެހެންނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަރަންޓީންދާ ސިފައިން، އެމީހުންގެ މުއްދަތު ހަމަކޮށްފައިވެސް އަނެއްކާވެސް އެނބުރި އަންނާނީ ހަމަ މި މަސައްކަތުގެ ތެރެއަށް،” ކާނަލް ހުސައިން އަލީ ވިދާޅުވިއެވެ.

ކާނަލް ހުސައިން އަލީ ވިދާޅުވީ މި ހާލަތުގައި ސިފައިންގެ ލީޑާޝިޕް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ސިފައިންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބައޮތް ކަމަށާއި އެސްއޯޕީތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *