ދަރުމަވަންތަ ހޮސްޕިޓަލުގައި ޕޮޒިޓިވްވި ދެ މީހަކު އެޑްމިޓްކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލު --

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ ދެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ދަރުބާރުގޭގައި ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ މީގެކުރިންވެސް ކޮވިޑް19 އަށް ޕޮޒިޓިވްވި 80 އަހަރުގެ މީހަކު އެޑްމިޓު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އިތުރު ދެ މީހަކު މިހާރު އެޑްމިޓު ކޮށްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭގެތެރޭގައި ޕާކިސްތާނަށް ނިސްބަތްވާ 48 އަހަރުގެ މީހަކާއި 68 އަހަރުގެ ދިވެއްސަކު ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އޭގެތެރެއިން ޕާކިސްތާނު މީހާއަށް އެކަނި އޮކްސިޖެން ދޭން މި ޖެހެނީ، ދެން ތިބި ދެ މީހުން ވެސް ހަމަ ސްޓޭބަލް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މީގެކުރިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވާ 80 އަހަރުގެ މީހަކީ ސްޓްރޯކެއް ވެސް ޖެހިފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ވަނީ މީގެކުރިން ބުނެފައެވެ. ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ އެވްރެޖު އުމުރަކީ 40 އަހަރާއި 45 އަހަރާއި ދެމެދެވެ. އެޗްޕީއޭ އިން ވަނީ ރާއްޖެއިން ކޮވިޑް19 އަށް ޖެހިފައިވާ މީހުންގެ ތެރޭގައި ހާލަތު ގޯސް އެއްވެސް މީހަކު އަދި ނެތް ކަމަށް ބުނެފައެވެ.

މީގެކުރިން އެޗްޕީއޭ އިން ވަނީ މާބަނޑު މީހަކަށް ވެސް ކޮވިޑް19 ޖެހިފައިވާ ކަމަށް ބުނެފައެވެ. މީގެއިތުރުން މި ބައްޔަށް ކުޑަ ކުދިންތަކަކަށް ވެސް ވަނީ ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ ދެ އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.