މާލެ ސަރަހައްދުން 17 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

މާލެ ސިޓީ/ ފޮޓޯ- ޓުވީޓާ

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދުން މިއަދު އެކަނިވެސް ގިނަ އަދަދެއްގެ ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތުގައިވާ ގޮތުގައި މާލެއިން މިއަދު އެކަނިވެސް ވަނީ 17 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތަށް ގެނައި ގެތަކުގެ ތެރޭގައި މާލޭގެ ބައެއް ގެތަކާއި ހުޅުމާލޭގެ ބައެއް ގެތައް ވެސް ހިމެނެއެވެ.

މީގެއިތުރުން މިއަދު ވަނީ މާލެއިން އެއް ފިހާރަވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މާލެއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ފިހާރައަކީ ކޭޑީއެމް އެއް ނަންބަރު ފިހާރައެވެ. އެޗްޕީއޭ އިން ބުނީ އެ ގެތަކާއި ފިހާރައަކީ މިއަދު ހަވީރު 16:30 އާއި ހަމައަށް މޮނީޓަރިން އަށް ގެނެވިފައިވާ ތަންތަން ކަމަށެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ރަށްތަކުން މުޅި ޖުމްލަ 260 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި 34 ފިހާރައެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މާލެ ސަރަހައްދުން 17 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިއަދުގެ އިރުއޮއްސުމާއި ހަމައަށް ޖުމްލަ 12 މީހަކު ވަނީ ކޮވިޑް19 އަށް މިއަދު އެކަނިވެސް ޕޮޒިޓިވްވެފައެވެ. މުޅި ރާއްޖެއިން މި ބައްޔަށް މިއަދާއި ހަމައަށް 226 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.