ކޮވިޑް19: މާމެންދޫގައި މީހަކު އެކަހެރި ކޮށްފި

ލ. މާމެންދޫ --

ލ. މާމެންދޫގައި ކޮވިޑް19 އާ ގުޅިގެން މީހަކު އެކަހެރިކޮށްފިއެވެ.

މާމެންދޫ ކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި މިއަދު ބުނީ އެރަށު ޗެލްސީގެ އިން މީހަކު އެކަހެރި ކޮށްފައިވާ ކަމަށެވެ. އެ ގެވެސް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ކައުންސިލް އިން ބުނެއެވެ. ކައުންސިލުން ބުނީ އެކަހެރިވުމަށް އެންގި ފަރާތަށް އެ ކައުންސިލް އިން ލިޔުން ހަވާލު ކޮށްފައިވާ ކަމަށެވެ.

މާމެންދޫ އެކައުންސިލުން ވަނީ އެކަމާއި ގުޅިގެން އެއްވެސް ފަރާތަކުން ރައްޔިތުންނަށް އޮޅޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އެކަމާއި ގުޅޭ ސައްހަ މައުލޫމާތު އެއްވެސް ފަރާތަކުން ސާފު ކުރުމަށް ބޭނުންވާ ނަމަ ކައުންސިލާއި ގުޅައިގެން އެ މައުލޫމާތެއް ސާފު ކުރުމަށް އެދޭ ކަމަށްވެސް މާމެންދޫ ކައުންސިލުން ބުނެއެވެ. ބައެއް މީޑިއާތަކުގައި ދެ މީހެއްގެ ސާމްޕަލް ވެސް ނެގި ކަމަށް ބުނެއެވެ. ނަމަވެސް އެރަށު ކައުންސިލަކުން އެކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މާލޭގެ އިތުރުން ހއ. އުލިގަމުންނާއި ށ. ނަރުދޫ އިން ވަނީ ކޮވިޑް19 އަށް ދެ މީހަކު ޕޮޒިޓިވްވެފައެވެ. އަދި އެ ކޭސްތަކާއި ގުޅިގެން ބައެއް ރަށްތައް ވަނީ މޮނީޓަރިންގެ ހާލަތަށް ވެސް ގެނެސްފައެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 12 މީހަކަށް ކޮވިޑް19 ޖެހިފައިވެއެވެ. މިއާއި އެކު މުޅި ޖުމްލަ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 226 އަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *