ރާއްޖެއިން ރަޝިޔާގެ އެހީތެރިކަމަށް އެދިއްޖެ

ރަޝިޔާގެ ފޮރިން މިނިސްޓަރު އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ރާއްޖެއަށް ކޮވިޑް19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މި އެހީތެރިކަމަށް ރާއްޖެއިން އެދުނީ ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް19 އާއި ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެބޭފުޅުން މިއަދު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް19 އާ ދެކޮޅަށް ދެގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކޮވިޑް19 ގެ ސަބަބުން ދެގައުމަށް މާލީ އަދި އިގްތިސޯދީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ކޮވިޑް19 ވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއަށް ކޮވިޑް19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިޔާގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ކަމަށާއި މިވަގުތު ރަޝިޔާގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތާ ބެހޭ ގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރަޝިޔާގެ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވިއިރު ދާދިފަހުން ދެކުނު ކޮރެއާގެ އެހީތެރިކަމަށް ވެސް ރާއްޖެއިން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *