ކޮވިޑް19 އާ ގުޅިގެން ބައެއް ވަޒީރުންވެސް ތިބީ އައިސޮލޭޝަންގައި: އަލީ ވަހީދު

ކޮވިޑް19 އާއި ގުޅިގެން ބާއްވާ ކެބިނެޓް ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ- ރައީސް އޮފީސް

ރާއްޖޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ތިއްބެވީ އައިސޮލޭޝަންގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ބައެއް މީހުންނާއި ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ބައެއް ވަޒީރުން މިވަގުތު އައިސޮލޭޝަންގައި ތިއްބެވި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ވަޒީރުން ތިއްބަވަނީ އެއްވެސް ވަރަކަށް މަސައްކަތަށް ނުނިކުމެ ގޭގައި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 ގެ މަސައްކަތުގައި ދައުލަތުގެ ހުރިހާ ވަޒީރުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ވަޒީރުންނަށް އެ ބަލި ނުޖެހޭނެ ކަމެއް ނޫން ކަމަށާއި އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާއި ބައްދަލުނުވާނެ ވާހަކައެއް ވެސް ނޫން ކަމަށެވެ.

އެހެންނަމަވެސް އެއް ވަޒީރަކު ނެތް ނަމަ އަނެއް ވަޒީރަކު މި މަސައްކަތުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ނިކުންނަވާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ވަޒީރުންތަކެއް އައިސޮލޭޓު ކުރި ވާހަކަ ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. އަދި އައިސޮލޭޓު ކުރި ވަޒީރުންގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 214 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *