މިހާތަނަށް ސިފައިންގެ ފަސް މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް ހުސައިން އަލީ ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން މިހާތަނަށް ސިފައިންގެ ފަސް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަަމުން އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ މިހާރު ސިފައިންގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 5 ސިފައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އަދި އެ ސިފައިންނާއި ގުޅުންހުރި ބައެއް ސިފައިން މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

ކަރަންޓީން ކޮށްފައި ތިބި ސިފައިން އެމީހުންގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން އަނެއްކާވެސް ގައުމީ މަސައްކަތުގައި ދިވެހި ރައްޔިތުންނަށް އެހީވުމަށް ނިކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހާލަތުގައި ސިފައިން ތިބޭނީ ސާބިތުކަމާއި އެކުގައި ކަމަށް ހުސައިން އަލީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެން މިކަމުގައި ފްރަންޓު ލައިން އަށް ނުކުތް އިރުވެސް މިކަމުގައި އަޅުގަނޑުމެންވެސް ހަމަ ޝާމިލްވެގެންދާނެ ކަން. އެކަން އެނގިހުރި އަޅުގަނޑުމެން މިކަމުގެ ތެރޭގައިވެސް މި ޝާމިލް ވަނީ. އެހެންނަމަވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަރަންޓީންދާ ސިފައިން، އެމީހުންގެ މުއްދަތު ހަމަކޮށްފައިވެސް އަނެއްކާވެސް އެނބުރި އަންނާނީ ހަމަ މި މަސައްކަތުގެ ތެރެއަށް،" ކާނަލް ހުސައިން އަލީ ވިދާޅުވިއެވެ.

ކާނަލް ހުސައިން އަލީ ވިދާޅުވީ މި ހާލަތުގައި ސިފައިންގެ ލީޑާޝިޕް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ސިފައިންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބައޮތް ކަމަށާއި އެސްއޯޕީތައް ވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ފަސް މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން މި ބައްޔަށް މިހާތަނަށް 241 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން މިބަލި ފެނުނު ފަހުން އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވި މީހުން ފެނުނު ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 73 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.