އަދިވެސް 10 ރިސޯޓެއްގައި ފަތުރުވެރިން އެބަތިބި: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ކޮވިޑް19 އާ ގުޅިގެން ރާއްޖެ އައިސް ތިބި ގިނަ އަދަދެއްގެ ފަތުރުވެރިން އެނބުރި ގައުމަށް ގޮސްފައިވީ ނަމަވެސް އަދިވެސް 10 ރިސޯޓެއްގައި ފަތުރުވެރިން އެބަ ތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 10 ރިސޯޓުގައި ތިބި 50 ގައުމެއްގެ ރައްޔިތުން ކަމަށެވެ. އެ މީހުން އެނބުރި އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެކުރިން ވެސް ސަރުކާރުން ވަނީ ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ގައުމުތަކަށް ދިއުމުގެ ހުއްދަ ދީ އެކަމުގައި އެހީތެރިވެފައެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެއް ފެސިލިޓީ ކަނޑައަޅުއްވާ ދެއްވާފައި. އެހެން ގައުމުތަކުން މީހުން ބަލާ އަންނަ ފްލައިޓުތަކުގައި އެގައުމުތަކުގައި ތިބި ދިވެހިން ގެނައުމުގެ މަަސައްކަތް ހާރިޖީ ވުޒާރާއާ ގުޅިގެން އެކަން ކުރަން. މި ފުރުސަތުތަކުގެ ތެރޭގައި އެހެން ގައުމުތަކުގައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 214 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ރާއްޖޭގައި އެންމެ ފުރަތަމަ ފެތުރެން ފެށީވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައި ފަތުރުވެރިއެއްގެ ގައިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.