ރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 19 ބަންގްލަދޭޝް މީހުންނާއި އިންޑިއާ ދެ މީހަކާއި ދެ ދިވެހިން

ސިއްހީ ހިދުމަތްތެރިން ރައްކާތެރިކަމުގެ އާލާތްތަކާ އެކު، މާލެ މަގުމަތީގައި

ކޮވިޑް19 އަށް ރޭ ޕޮޒިޓިވްވި 23 މީހުންގެ ތެރެއިން ކޮވިޑް19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންކަން ހާމަވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ރޭ ފަހުން ޕޮޒިޓިވްވި 23 މީހުންގެ ތަފްސީލުތައް ހާމަކޮށްފައެވެ. އެގޮތުން އެޗްޕީއޭ އިން ބުނީ ރޭ ޕޮޒިޓިވްވި 23 މީހުންގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ ދެ މީހަކާއި ދެ ދިވެހިން ކަމަށެވެ.

އިއްޔެ އަކީ ރާއްޖެއަށް މިހާތަނަށް ކޮވިޑް19 ފެނުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 73 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ރާއްޖެއަށް 214 މީހަކު ވަނި ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މާލޭގައި ހަލުވި ކަމާއި އެކުގައި މިބަލި ފެތުރެން ފެށީ މި މަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި ގުޅިގެންނެވެ. އެއާއިއެކު އެތައް ބަޔަކަށް މާލެއިން ވަނީ މި ބަލި ޖެހިފައެވެ. އެޗްޕީއޭ އިން ލަފާ ކުރަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މި ބައްޔަށް ޕޮޒިޓިވްވާނެ މީހުން ގިނަވާނެ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އެޗްޕީއޭ އިން ވަނީ މާލެ ސިޓީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއް ރަށަށް އަރާ ފޭބުން މަނާވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *